ސޯޅަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ އެކު އެއްޖިންސުން ޖިންސީ ޢަމަލު ހިންގި މީހަކު 14 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޅ. ނައިފަރު މިސްކިތްދޮށުގެ، އަޙްމަދު އިބްރާހީމް،38،ގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗައް ޙުކުމް ކޮށްފައި ވަނީ 2012 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ގެސްޓްހައުސްއެއްގެ ރޫމަކަށް 16 އަހަރުގެ ފިރިހެން ކުއްޖަކު ގެންގޮސް އެ ކުއްޖާއާ އެކު އެއްޖިންސުން ޖިންސީ ޢަމަލު ހިންގާފައިވާކަން، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ހަރުދަނާ ގަރީނާތަކުން އެނގެން އޮންނާތީ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަގައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ޙުކުމްކޮށްފައިވާ އަޙްމަދު އިބްރާހީމަކީ އެއްޖިންސުން ޖިންސީގުޅުން ހިންގި މައްސަލައަކާ ގުޅިގެން 2002 ވަނަ އަހަރު ވެސް 15 އެތިފަހަރުން ތައުޒީރު ކުރުމަށް ފަހު ނުވަ މަސް ދުވަހަށް އަރުވާލަން ޙުކުމް ކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ އެ ޙުކުމް ތަންފީޒު ކުރުމަށް އއ. ތޮއްޑު އަށް އަރުވާލާފައި ވަނިކޮށް އެ ރަށުން 16 އަހަރުގެ ފިރިހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި މައްސަލައެއްގެ ރެކޯޑު ވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން 2009 ވަނަ އަހަރު ފެބްރުއަރީ މަހު ތެރޭގައި 18 އަހަރު ނުފުރޭ ފިރިހެން ދެ ކުއްޖަކު އަޙްމަދު އިބްރާހީމް މާލޭގައި ދިރިއުޅުނު ކޮޓަރިއަށް ގެންގޮސް އެ ދެކުދިންނާ އެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައެއްގެ ރެކޯޑު ވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

އަޙްމަދު އިބްރާހީމްގެ މައްޗަށް ޙުކުމް ކުރި އިރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމުން މެއި މަހުގެ 28 ވަނަ ދުވަހު ވަނީ ޙުކުމް ތަންފީޒްކުރުމަށް ކަރެކްޝަނަލް ސާވިސަސްއާ ޙަވާލުކޮށްފަ އެވެ.