ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގެ އިންޓަނޭޝަނަލް އެއަޕޯޓަށް އަނެއްކާ ވެސް ހަމަލާދިނުމުން އެ އެއާޕޯޓު ބަންދުކޮށްފި އެވެ.

ހަތިޔާރުއެޅި ބަޔަކު އެ އެއާޕޯޓަށް ހަމަލާދިންތާ 48 ގަޑިއިރު ނުވަނީސް އަނެއްކާ ވެސް ހަތިޔާރު އެޅި ބަޔަކު ގޮސް ދެވަނަ ހަމަލާ މިއަދު ދީފައި ވަނީ އެއާޕޯޓު ކައިރީގައި ހުރި ސެކިއުރިޓީ އިން ތަމްރީން ކުރާ ކޭމްޕަކަށެވެ.

އެއާޕޯޓު ސެކިއުރިޓީ ފޯސްގެ ތަރުޖަމާނު ގުލާމް އައްބާސް މެމޮންއާ ހަވާލާދީ އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ބުނެފައި ވަނީ ހަމަލާދިން އެ ކޭމްޕަކީ ކަރާޗީ އިންޓަނޭޝަނަލް އެއާޕޯޓާ ގާތްގަނޑަކަށް އެއް ކިލޯ މީޓަރު ދުރުގައި ހުންނަ ތަނެއް ކަމަށެވެ.

އެ ހަމަލާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމީހުން ހަމަލާދޭން އުޅުމުން، ސެކިއުރިޓީ ފޯސް އިން ވަނީ އެމީހުންނަށް ރައްދުދީ ހަމަލާ ބަދަލުކޮށްފައި. ނަމަވެސް ކޭމްޕަށް ހަމަލާ ދީފައި ވަނީ ކިތައް މީހުން ކަމެއް އަދި އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް އަދި ނޭނގެ." އޭނާ ބުނެފައިވެ އެވެ.

މިއަދުގެ ހަމަލާއާ ގުޅިގެން ކަރާޗީ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޓުވިޓާގައި ބުނެފައި ވަނީ، ހަމަލާއަށް ފަހު އެއާޕޯޓު ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފަ އެއް ނުވެ އެވެ.

ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުން ކަރާޗީ އެއާޕޯޓަށް އާދީއްތަ ދުވަހުގެ ރޭ ދިން ހަމަލާތަކުގައި، 36 މީހަކުވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އެ ހަމަލާދިން ތާލިބާން ގްރޫޕުގެ 10 މީހުންނާއި އެއާޕޯޓުގެ ސެކިއުރިޓީ ފޯސްގެ 11 މީހަކު ހިމެނެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ދިން ހަމަލާގެ ޒިންމާ އުފުލާފައިވާ ތާލިބާނުންގެ ތަރުޖަމާނަކު ބުނީ އާދީއްތަ ދުވަހުގެ ރޭގެ ހަމަލާއަކީ މިދިޔަ އަހަރު އެ ޖަމާއަތުގެ ލީޑަރު ހަކީމުﷲ މަހްސޫދު އެމެރިކާގެ ހަމަލާއެއްގައި މަރުވުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމުގަ އެވެ.