ރައީސުލްޖުމްހޫރިއްޔާ، މަރަދޫފޭދުއަށް ކުރެއްވި ދަތުރުފުޅުގައި، މަރަދު އާއި މަރަދޫފޭދޫގައި ޤާއިމް ކުރެވޭ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު މިއަދު ހެނދުނު ފައްޓަވައިދެއްވި އެވެ.


އެ މަޝްރޫޢުގެ ދަށުން މަރަދު އާއި މަރަދޫފޭދޫގައި ފެނުގެ ނެޓްވަކާއި ނަރުދަމާގެ ނިޒާމާއި އަދި ޑީސެލިނޭޝަން ޕްލާންޓް ޤާއިމް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.


އައްޑު އަތޮޅުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުވައިދިނުން ހަވާލުކުރައްވާފައި ވަނީ، ރައީސް އޮފީހުން ބުނި ގޮތުގައި، ސަދަން ޔޫޓިލިޓީޒް ލިމިޓެޑާ އެވެ.


ރައީސުލްޖުމްހޫރިއްޔާ އެ ތިން ރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ޢާންމު ޙާލަތު ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.


 ރައީސް އައްޑު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫގައި އައްޑޫ ކޮންވެންޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓް އައްޑޫގައި ބޭއްވުމުގެ މަސައްކަތް ހިންގަވައި ވިލަރެސް ކުރެއްވުމަށް އައްޑޫގައި ޤާއިމް ކުރެވޭ ސާކް ޔުނިޓް ހުޅުއްވައިދެއްވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.