ފުޓުބޯޅައިގެ ހުނަރު ދައްކައިގެން ބާސެލޯނާ އަދި އަދި އާޖެންޓީނާގެ ހުނަރުވެރި ކުޅުންތެރިޔާ ލިއޮނަލް މެސީއާ ބައްދަލު ކުރުމަށް ބާސެލޯނާ އަށް ދިއުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލުމަށް ނިންމައިފި އެވެ.

އުރީދޫގެ ޕަބްލިކް ރިލޭޝަންސްގެ ސީނިއާ ސްޕެޝަލިސްޓް މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ މެސީއާ ބައްދަލު ކުރުމުގެ ފުރުސަތުގައި ބައިވެރިވެވޭނީ ވޯލްޑް ކަޕް ފެށުމުން ކަމަށާއި ބައިވެރިވުމަށް ފުޓުބޯޅައިގެ ހުނަރު ދައްކުވައިދޭ ވީޑިއޯ އިންސްޓަގްރާމް އަށް އަޕްލޯޑް ކުރަން ކަމަށެވެ.

"މިއީ އުރީދޫގެ ފުރަތަމަ ގްލޯބަލް ކެމްޕެއިން. އުރީދޫ ނިސްބަތްވޭ އެބަ 17 ގައުމަކަށް. މި 17 ގައުމު ގުޅިގެން ފަށާ ފުރަތަމަ ގްލޯބަލް ކެމްޕެއިން މިއީ،" މަރިޔަމް ވިދާޅުވި އެވެ. "މި ކެމްޕެއިން އެންމެ ބޮޑަށް ހާއްސަވެގެން ދަނީ މެސީ މި ކެމްޕެއިންގައި ފީޗާވެގެން ދާތީ."

އުރީދޫ އިން ބުނީ ވީޑިއޯ އަޕްލޯޑް ކުރަންޖެހެނީ "#މީޓްމެސީ" ޖެހުމަށް ފަހު ކަމަށެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ވީޑިއޯތައް ސިމްޕްލީޑޫވަންޑާސް.ކޮމް އަށް އަޕްލޯޑް ކުރާނެ ކަމަށެވެ.

އުރީދޫ ނިސްބަތްވާ 17 ގައުމަކަށް ހުޅުވާލައިގެން ކުރިއަށްދާ މި ކެމްޕެއިންގައި މެސީއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބޭނީ އެންމެ ފަރާތަކަށް ކަމަށެވެ. އަދި އެ ފަރާތަކަށް މެސީއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބޭނީ ބާސެލޯނާ ކުޅޭ މެޗަކަށް ހުރިހާ ހަރަދަކާއެކު ގެންދިއުމަށްފަހު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ވޯލްޑްކަޕާ ގުޅުވައިގެން ޓީމުތަކުގެ އަޕްޑޭޓްސް އަދި ގްރޫޕްތަކުގެ އަޕްޑޭޓްސް އަދި ސްކޯ އަޕްޑޭޓްސް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ވެސް އުރީދޫ އިން ވޯލްޑް ކަޕަށް ތައާރަފް ކުރާނެ އެވެ. ހިޔާރު ކުރާ ޓީމެއްގެ އަދި ގްރޫޕްތަކުގެ އަޕްޑޭޓްސް ހޯދުމަށް އެސްއެމްއެސް މެދުވެރިކޮށް ރެޖިސްޓްރ ކުރުމަށް 20 ރުފިޔާ ނަގާނެ ކަމަށާއި ސްކޯ އަޕްޑޭޓްސް ހޯދަން ރެޖިސްޓްރީ ކުރުމަށް ފަސް ރުފިޔާ ނަގާނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.