10 Jun 2014, 16:28
ސައުތު އޭޝިޔަން ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (ސަފާ)ގެ ގަވާނިންގް ބޯޑުގެ ރައީސް ސީއޭ ސުބޫދް ކުމާރު އަގަރްވާލާއި އެ ޖަމިއްޔާގެ ނާއިބު ރައީސް އަރްޖުނާ ހޭރަތާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް އެ ބައްދަލުކުރެއްވުމުގައި ސާކް ސަރަޙައްދުގައި އެކައުންޓެންސީގެ ދާއިރާ ތަރައްގީކޮށް ހަރުދަނާ ކުރުމަށް ސަފާގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ސަފާގެ ރައީސާއި ނައިބު ރައީސް ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ. އަދި ރާއްޖޭގެ އޮޑިޓަރު ޖެނެރަލްގެ އޮފީހާއި ކަމާ ބެހޭ އެހެން މުއައްސަސާތަކާއެކީ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެބޭފުޅުން ފާޅުކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، ސަފާގެ ފަރާތުން ރާއްޖޭގެ އެކައުންޓެންސީ ދާއިރާ އަށް ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި، ދިވެހި އެކައުންޓެންޓުންގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެ ގޮތުން ރާއްޖޭގައި އެކައުންޓެންސީ އިންސްޓިޓިއުޓެއް ގާއިމްކޮށް، ދިވެހި އެކައުންޓެންޓުން ބައިނަލްއަގްވާމީ ފެންވަރަށް ގެންދިޔުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.