ގިނަ ދުވަސްތަކެއްވަންދެން ރާއްޖޭގެ ނޫސްވެރިކަމަށް ހިދުމަތް ކުރައްވާފައިވާ އައްބާސް މުހައްމަދު (ކުޑަނެވި އައްބާސް) ނިޔާވެއްވެ އެވެ. އުމުރުން 72 އަހަރުގައި އައްބާސް ނިޔާވެފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. އައްބާހަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމުގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު ނޫސްވެރިކަމުގައި މަސައްކަތް ކުރެއްވީ އާފަތިސް ނޫހުގަ އެވެ. އެ ނޫހުގެ އިތުރުން ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް އެތައްހާސް ލިޔުމެއް އައްބާސް ލިޔުއްވާފައިވެ އެވެ. އޭނާގެ ހިދުމަތް އަގުވަޒަން ކުރުމުގެ ގޮތުން ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ސަރުކާރުގައި އައްބާސް އަށް އާންމު ހިދުމަތުގެ އިނާމު ވެސް ދެއްވާފައިވެ އެވެ. އައްބާހުގެ އާއިލާ އިން ބުނީ އައްބާހުގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާނަމާދަށް ފަހު ހުޅުމާލޭގައި ކަމަށެވެ. އައްބާސް ދުނިޔެ ދޫކުރެއްވި އިރު ދުނިޔޭގައި ހުންނެވީ އޭނާގެ އެންމެ ބޭފުޅެކެވެ.