10 Jun 2014, 15:42
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޖޯން ރަންކިން މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވީ މިއަދުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮންނަ ރަހުމަތްތެރި ކަމުގެ ގުޅުމާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެކަމުގެ މައުލޫމާތު އިނގެރޭސީ ސަފީރަށް މަޖިލީހުގެ ރައީސް ހިއްސާކުރެއްވި ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އިނގިރޭ ސަފީރު ރަންކިން ދެއްކެވި ވާހަކަފުޅުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މަސީހު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި މެދު މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރެއްވި އެވެ.