ބައްޕަގެ ތިޖޫރިން "ވަގަށް ނެގި 100،000 ރުފިޔާ" ހޯދައި ތ. ދިޔަމިގިލިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ މީހެއް ކަމަށެވެ. އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ދިޔަމިގިލި ގެއެއްގައި ހުރި ތިޖޫރިއަކުން ވައްކަން ކޮށްފައިވާ ކަމަށް ބުނެ އެ އަތޮޅު ވޭމަންޑު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ތިޖޫރި ހަލާކު ކޮށްލައިގެން ނަގާފައިވާ 100،000 ރުފިޔާ ފެނިފައި ވަނީ އެ އަތޮޅު ގުރައިދޫގައި މަސައްކަތް ކުރާ ފުލުހުންގެ ޓީމަކުން ދިޔަމިގިއްޔަށް ގޮސް، ފުލުހުންނަށް ލިބެމުން ދިޔަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ވައްކަން ކޮށްފައިވާގެ ބަލައިފާސް ކުރަމުން ދަނިކޮށް އެގޭތެރޭގައި އެލުވާފައި އޮތް ދިޔަ ދޮތްވެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

ވައްކަމުގެ މިމައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި އަށް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.