ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ ވަގުތީ މެނޭޖިންގް ޑިރެކްޓަރުކަން އެ ކުންފުނީގެ ޑިރެކްޓަރު ހުސެއިން ސާލިމް އައްޔަންކޮށްފި އެވެ.

އެމްޓީސީސީގެ ޑިރެކްޓަރަކު މިއަދު ސަން އަށް ވިދާޅުވީ ސާލިމަށް ވަގުތީ އެމްޑީގެ މަގާމު ދިނުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ މިއަދު ކަމަށެވެ.

ސާލިމް އެމްޓީސީސީގެ އެމްޑީ އަކަށް ހަމަޖައްސާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ މަގާމަށް އެހެން ބޭފުޅަކު ހަމަޖައްސަވަންދެން ކަމަށް އެ ކުންފުނީގެ ޑިރެކްޓަރު ވިދާޅުވި އެވެ.

އެމްޓީސީސީގެ މެނޭޖިންގް ޑައިރެކްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ޝިހާމް އަލީ ވަކިކޮށްފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު އެވެ. ޝިހާމް އެމްޓީސީސީގެ މެނޭޖިންގް ދައިރެކްޓަރު ކަމަށް ހަމަޖެއްސެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ އަކީ 26.74 މިލިއަން ރުފިޔާ އެވެ. އަދި އާންމުންގެ 40 ޕަސެންޓާ އެކު ހިންގާ ކުންފުނީގެ ހިއްސާއަކަށް މިދިޔަ އަހަރުގެ ފައިދާ އިން 16 ރުފިޔާ ބެހުމަށް ވެސް ވަނީ ނިންމައިފަ އެވެ.