ސައުތު އޭޝިއަން ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (ސަފާ) އާއި އޮޑިޓަރު ޖެނެރަލް އޮފީހާ ގުޅިގެން އޮޑިޓަރުންގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖޭގައި ތިބި ކުދި އަދި މެދުފަންތީގެ އޮޑިޓަރުންނާ އެކު ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

އޮޑިޓަރު ޖެނެރަލް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ސެމިނާއެއް ގޮތަށް ބާއްވާ އެ ބައްދަލުވުމުގެ ބޭނުމަކީ އޮޑިޓަރުންނަށް އެބޭފުޅުންގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނު ދިނުން ކަމަށެވެ.

އެގޮތުން ސަފާގެ ބައެއް ބޭފުޅުން އެކި ދާއިރާތަކުން އޮޑިޓަރުންނަށް މައުލޫމާތު ދެއްވާނެ ކަމަށާއި އެ ސެމިނާގައި މައިގަނޑު ފަސް ދާއިރާއަކުން އޮޑިޓަރުންނަށް މައުލޫމާތު ދެއްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭގެ ތެރޭގައި އޮފީސް މެނޭޖްކުރުމާއި އޮޑިޓް ކުރުމުގެ ކޮލިޓީ ސްޓޭންޑަޑްސްތަކާއި އޮޑިޓް ޑޮކިއުމެންޓޭޝަންގެ އިތުރުން އޮޑިޓް ޕްލޭނިންގް އާއި އޮޑިޓް އޮޕީނިއަންއާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިޔަށްދާ އެ ޕްރޮގްރާމް ހުޅުވާލާފައި ވަނީ އާންމުންނަށް ކަމަށާއި އެގޮތުން އެ ޕްރޮގްރާމްގައި އަމިއްލަ ފަރާތްތަކާއި އެކި އެކި ކުންފުނިތަކުގައި ވެސް އޮޑިޓިންގެ މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނޭ ގޮތަށް ޖުމްލަ 41 ބޭފުޅުން ބައިވެރިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.