04 Jan 2011, 09:56
ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަސް ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްޤީކޮށް 50 އަހަރަށް ކުއްޔަށް ދިނުމަށް ބީލަން ހުޅުވާލައިފި އެވެ.
ރިސޯޓްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ފަސް ރަށަކީ ގއ. މާމުޓާ އާއި ގއ. ކެރެއްދޫ އާއި ގއ. ލޮއްސާ އާއި ގއ. ހަވޮއްޑާ އާއި ސ. އިސްމެހެލާ ހެރަ އެންޑް ބޮޑު ހެރެގަނޑެވެ.
ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސާ ފަސީހު ޒާހިރު މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށްތަކަކީ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ބީލަމަށް ހުޅުވާލާފައިވާ ރަށްތަކެއް ކަމަށެވެ. އަދި ބިޑްތައް އިވެލުއޭޓް ކުރުމާ ބެހޭ މައުލޫމާތު މިހަފްތާގެ ތެރޭގައި އެމިނިސްޓްރީން ދޫކުރަން ފަށާ ބިޑިން ޑޮކިއުމަންޓްގައި ހިމަނާފައިވާނެ ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ.
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 24 ނިޔަލަށް ބީލަން ފޮތްތައް ގަންނަން ލިބޭނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ.
ދިވެހިންނަށް އަދި ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކަށް ބީލަން ފޮތްތައް ވިއްކުމަށް ހަމަޖައްސާފައިވާ އަގަކީ 2000 ރުފިޔާ އަދި ބޭރުގެ ފަރާތްތަކަށް ބިޑިން ޑޮކިއުމަންޓެއް ވިއްކުމަށް ހަމަޖައްސާފައި ވަނީ 300 އެމެރިކާ ޑޮލަރަށެވެ.