ރާއްޖޭގެ ތައުލީމު މިހާރު މިވަނީ ތަރައްގީވެފައިވާ ގައުމުތަކުގެ ވައްޓަފާޅިއަށް އެނބުރިފައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް "ބީޓެކް ތަމްރީނު" ދިނުމުގެ ގޮތުން ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ތަރަށްގީވެފައިވާ ގައުމުތަކުގައި ތައުލީމުގެ ތެރެއިން ދަރިވަރުންނަށް މަސައްކަތްތެރި ކަމުގެ ހުނަރުތައް ވެސް ދަސްކޮށްދެމުން އަންނަ ކަމަށެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތައުލީމު ދިނުމުގެ ވައްޓަފާޅި މިއަދު މި އަންނަނީ ވަރަށްބޮޑަށް ބަދަލުވަމުން. ތައުލީމުގެ ތެރެއިން ދަރިވަރުންނަށް މަސައްކަތްތެރި ކަމުގެ ހުނަރުތައް ސްކޫލްތެރެއިން އަންނަނީ ފޯރުކޮށްދެމުން. އަޅުގަނޑުމެންގެ ވިސްނުން ވެސް މިއަދު މި އެނބުރިގެން ދަނީ އެ ދިމާލަށް،" މިނިސްޓަރު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ސްކޫލްތަކުގައި މަސައްކަތްތެރި ކަމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ނަތީޖާއަކަށް ވަނީ ސްކޫލް ދައުރުގައި ވަޒީފާގެ ބާޒާރަށް ދަރިވަރުން ލޯ ހުޅުވިގެން ދިއުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު ތަމްރީނަކާ ނުލައި "ވަޒީފާގެ ކަށަވަރުކަން ދަރިވަރުންނަށް އިތުރުވެގެން ދާނެ" ކަމަށެވެ.

ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ 21 ވަނަ ގަރުނުގެ ވާދަވެރި ވަޒީފާގެ ބާޒާރަށް ތައްޔާރު ކުރެވިފައިވާ ދަރިވަރަކަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އެގޮތުން މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ ކޯސްތަކުގައި ފުރަތަމަ ފަހަރަށް ސްކޫލް ކުދިން މިހާރު ވަނީ ބައިވެރި ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާރު ވެސް ސާނަވީ ތައުލީމު ހާސިލްކުރާ މާލޭ ސްކޫލްތަކުގެ ދަރިވަރުންތަކެއް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދަމުން ގެންދާ ކަމަށާއި އެކަމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ދަރިވަރުންގެ ކުރިމަގު އުޖާލާ ކުރުމަށް ސްކޫލްތެރެއިން ލިބެންހުރި ފުރުސަތުތައް އިތުރު ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ތައުލީމުން އެއްވެސް ކުއްޖަކު ބާކީނުކޮށް އުނގެނުމާ ތައުލީމާ ތަރުބިއްޔަތުގެ ފުރުސަތުތަށް އިތުރުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސާދު ބިނާކުރުމަށް މަސައްކަތްކުރާނެ ވިސްނުންތެރި ޒުވާނުން އުފެއްދުމާއި އިލްމީ މަސައްކަތްތެރި ޒުވާނުން ބިނާކުރުމަކީ ތައުލީމުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ފެށި ތަމްރީނު ޕްރޮގްރާމަކީ ސްކޫލްތަކުގައި ބީޓެކް ތައާރަފް ކުރުމަށް ފެށިގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި މާލެއާއި އަތޮޅުތެރޭގެ 17 ސްކޫލެއްގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި މިހާރު 350 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބީޓެކަކީ ކުދިންނަށް އުނގެނުމުގެ ފުރުސަތުތައް އިތުރަށް ފުޅާކޮށްދިނުމަށް ތަރައްގީވެފައިވާ ގައުމުތަކުގައި ވަރަށް ފުޅާކޮށް ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން އެ ޕްރޮގްރާމްގައި ކުރިޔަށް ދާން ބޭނުންވާ ދާއިރާ ތަކުން ދަރިވަރުންނަށް ފުރުސަތުތައް ހޯދައިދިނުމަށް ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިންނަށް ތަމްރީނު ދެއެވެ.