އެންމެ ގިނަ މާބަނޑު އަންހެނުން އެއްތަނަކަށް އެއްވެ ޔޯގާ ހެދި ކަމުގެ ރިކޯޑެއް ޗައިނާގައި ހަދައިފި އެވެ.

އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލްގައި ބުނެފައި ވަނީ، ޗައިނާގެ ހުނާން ޕްރޮވިންސްގެ ޗަންގްޝާ ގެ ޕާކެއްގެ ތެރޭގައި، ހެދި އެ ރިކޯޑުގައި ބަނޑަށް ތިން މަހާއި އެއަށްވުރެ ގިނަ ދުވަސްވެފައިވާ 505 މާބަނޑު އަންހެނުން ބައިވެރި ވެފައި ވާ އިރު، ގިނިސް ރިކޯޑްގެ އޮފިޝަލުންގެ ކުރިމަތީގައި އެމީހުން 37 މިނެޓާއި 28 ސިކުންތު ވަންދެން ޔޯގާ ހެދި ކަމަށެވެ.

ޗައިނާގައި ހެދި އެ ރިކޯޑާ އެކު އެމެރިކާގެ މަޝްހޫރު އަންނައުނު އުފައްދާ ގެޕްސްއާއި މަޝްހޫރު ޖިންސު އުފައްދާ ލެވިސް ކުންފުނިން ބުނެފައި ވަނީ އެމީހުންގެ ފިހާރަތަކުން ޔޯގާ ހަރުވާޅަށް ލިބެމުންދާ ތަރުހީބު ބޮޑުވެފައި ވާ ކަމަށެވެ.

"މި ތަނުން ޔޯގާ ހަރުވާޅުވެސް ވިއްކަން. އެކަމަކު މިހާރު ބައެއް އޯކޭޝަންތަކުގައި ޖިންސު ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރަމުންދަނީ ޔޯގާ ހަރުވާޅު. މިއީ ޖިންސު އުފައްދާ ކުންފުންޏަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލަދެއް،" ލެވިސްގެ ރައީސް އަދި ސީއީއޯ ޗިޕް ބާގް ޔާހޫއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ޗައިނާގައި މީގެ ކުރިންވެސް ވަނީ އެފަދަ ރިކޯޑެއް ހަދާފައެވެ. ޗައިނާގެ ގުއަންޑަންގް ޕްރޮވިންސްގެ ޝެންޒެންގައި މިދިޔަ އަހަރު ހެދި އެ ރިކޯޑުގައި ބައިވެރިވެފައިވަނީ 423 މާބަނޑު އަންހެނުންނެވެ.