އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން މިއަދު ހުޅުއްވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ފުރުސަތު އަލުން ހުޅުވާލީ މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން، އެ މަގާމަށް ކުރިމަތިލާފައި ވަނީ އެންމެ ބޭފުޅަކު ކަމަށްވާތީ ކަމުގަ އެވެ.

ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ފުރްސަތު ހުޅުއްވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 3:00ގެ ނިޔަލަށެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 45 ވަނަ މާއްދާގައި، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނުކުރާ މީހެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ވެސް، މިއަދު ގެޒެޓް ކުރި އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ރައީސް އޮފީހުންނެވެ. އަދި މި ފޯމު، އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.