ކަރާޗީ (ރޮއިޓާސް) -- ޕާކިސްތަނުގެ ކަރާޗީ އެއާޕޯޓަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާ ތަކުގައި މަރުވެފައިވާ އިތުރު ހަތް މީހެއްގެ ހަށިގަނޑު އެއާޕޯޓްގެ ކާގޯ އިމާރާތެއްގެ ތެރެއިން ފެނިއްޖެ އެވެ.

ޕާކިސްތާނުގެ އެންމެ ބާރު ބޮޑު އެއާޕޯޓްކަމަށް ވާ ކަރާޗީގެ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓަށް ތަލިބާނުންގެ ހަނގުރާމަވެރި 10 މީހުންގެ ގްރޫޕަކުން ހަމަލާ ދިންތާ ދެ ދުވަސް ފަހުން އެހަމަލާގައި މަރުވެފައިވާ އިތުރު ހަތް މީހެއްގެ ހަށިގަނޑު ފެނިފައިވަނީ، ކާގޯ އިމާރާތުގެ ތެރޭގައި ތާށިވެފައިވަނިކޮށް ކަމަށް ވެއެވެ.

"މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވަނީ ކޮންބައެއްކަން ފާހަގަކުރަން ނޭނގޭ ވަރަށް ވަރަށް އަނދާފައި،" ނަން ހާމަކުރަން ނޭދޭ އޮފިޝަލަކު ރޮއިޓާސްއަށް ބުންޏެވެ.

އިތުރަށް ފެނުނު ހަތް މީހުންގެ ހަށިގަނޑާއެކު ކަރާޗީ އެއާޕޯޓަށް ދެވުނު ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ މަދުވެގެން 34 އަށް ވަނީ އަރައިފައެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލީދިން 10 ހަނގުރާމަވެރިން މަރާލާފައި ވާ ކަމަށް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ތާލިބާން ޖަމާއަތުން ވަނީ، އެ ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އުފުލައިފައެވެ. ތާލިބާންގެ ތަރްޖަމާނަކު ބުނީ މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އެ ޖަމާއަތުގެ ލީޑަރު ހަކީމުﷲ މަހްސޫދު މަރާލާފައި ވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމުގައެވެ.