އައްޑޫ ސިޓީގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އެ ސިޓީގައި ފުރަތަމަ ފަހަރަށް ޓްރެފިކް ޕޮލިސް އިފްތިތާހުކޮށްފި އެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް މަގުތަކުން ދަތުރުކުރާ ފަރާތްތަކަށާއި ހިނގައި ބިނގާވެ އުޅޭ މީހުންނަށް ރައްކާތެރިކަން ހޯދައި ދިނުމަށް ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ޓްރެފިކް ޕޮލިސްގެ ގޮތުގައި ހާއްސަ ވަކި ސެލް އެއް އިއްޔެ ގާއިމު ކޮށްފައިވާ ކަމަށެވެ.

އިއްޔެ ހަވީރު އިފްތިތާހު ކުރި އައްޑޫ ސިޓީ ޓްރެފިކް ޕޮލިސް ހިންގަން ހަމަޖެހިފައި ވަނީ ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން ހިންގި އިމާރާތުގައެވެ.

އެ އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ދިދަ ނަންގަވައިދެއްވީ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާންއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ޓްރެފިކް ޕޮލިސް އިފްތިތާހު ކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބުދުﷲ ތޮއްޔިބު ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތޮއްޔިބު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނާއި ކައުންސިލުން ފުލުހުންގެ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް އައްޑޫ ސިޓީގައި ހަރުދަނާ ކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދަށާއި ފުލުހުންގެ މެނޭޖްމަންޓަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ޓްރެފިކް ޕޮލިސްގައި މަސައްކަތް ކުރާނީ މާލޭގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތްކޮށް ތަޖުރިބާއާއި ކަމާބެހޭ ހާއްސަ އިލްމާއި ހުނަރު ލިބިފައި ތިބި ފުލުހުން ކަމަށެވެ.