ދިހަ ފަރާތަކަށް ވަޒީފާއާ އެކު އޭސީސީއޭ ސްކޮލާޝިޕެއް ދިނުމަށް މީރާއިން ނިންމައިފި އެވެ.

މީރާގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ، އެކައުންޓިން ދާއިރާއިން ޕްރޮފެޝަނަލް މުވައްޒަފުންތަކެއް އުފެއްދުމުގެ ގޮތުން މީރާއިން ހިންގާ އެ ޕްރޮޖެކްޓްގެ ދަށުން މީރާގެ ވަޒީފާ އަދާކުރަމުން އޭސީސީއޭ ސްކޮލާޝިޕެއްގައި ކިޔެވުމުގެ ފުރުސަތު ދިހަ މީހަކަށް ދޭން ނިންމާފައި ވާ ކަމަށެވެ.

"އެ ސްކޮލާޝިޕްގައި މާލޭގައި ހުރެގެން ކިޔަވާ އިރު މީރާގައި ވަޒީފާ އަދާކުރެވޭނެ، އެ ސްކޮލާޝިޕަކީ ހުރިހާ ހަރަދެއް މިކޮޅުން ދޭ ސްކޮލާޝިޕެއް،" މީރާގެ އޮފިޝަލް ވިދާޅުވި އެވެ.

މީރާއިން އެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީރާއިން ބުނީ، އެ ސްކޮލާޝިޕާ އެކު ދެވޭ ވަޒީފާގެ އަސާސީ މުސާރައެއްގެ ގޮތުގައި 4000 ރުފިޔާ ދޭއިރު ލިވިން އެލަވެންސްގެ ގޮތުގައި 2000 ރުފިޔާ ދޭނެ ކަމަށެވެ. އަދި "ނޮން ޕްރެކްޓިސިން" އެލަވަންސްގެ ގޮތުގައި ގަވާއިދުގައި ވާ ގޮތުގެ މަތިން ދުވާލަކަށް 75 ރުފިޔާގެ ރޭޓުން ފައިސާ ދޭއިރު "ސާވިސް އެލަވަންސް"ގެ ގޮތުގައި ގަވާއިދުގައި ވާ ގޮތުގެ މަތިން ދުވާލަކަށް 150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެ ކަމަށް ވެސް މީރާގެ އޮފިޝަލް ވިދާޅުވި އެވެ.