10 Jun 2014, 11:18
މަސްވެރިކަން ކުރިއެރުމުގެ ގޮތުން ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ޓަކައި ފިޝަރީޒް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން އާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސޮއިކުރެއްވި އިރު ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޑިރެކްޓާ ޖޯން ބާޓެން އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޯން ބާޓެން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީވުމުގެ އިތުރުން މަސްވެރިން ތަމްރީން ކުުމަށް އެ ފައުންޑޭޝަން އިން ބޮޑެތި އެހީތަކެއް ދެއްވާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ އެ ފައުންޑޭޝަނަކީ ތަފާތު އެކިއެކި ރޮނގު ރޮނގުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފައުންޑޭޝަންއެއް ކަމަށާއި އެގޮތުން މިހާރު ވެސް 283000 ޑޮލަރުގެ ޕްރޮޖެކްޓްތައް ހިންގަމުންދާ ކަމަށެވެ.
އެ ފައުންޑޭޝަންގެ އެހީގައި ތަފާތު ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާ އިރު ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ވިލިމާލެ ޓްރެއިނިން ސެންޓަރު ފިޝަރީޒް އެސޯސިއޭޝަން އާ ހަވާލުކުރާނެ ކަަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
އެ ފައުންޑޭޝަނަކީ އިނގިރޭސި ވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ފައުންޑޭޝަން އެކެވެ.
މިނިސްޓަރު ވިދާޅުވީ އެ ފައުންޑޭޝަންގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ޔޫރަޕުގެ ގައުމުތަކުގައި ޕްރޮމޯޓް ކުރުމަށް ވެސް ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.