މަސްތުވާތަކެތި ގެންގުޅެ ބޭނުން ކުރި ކަމުގެ ތުހުމަތުގައި ވ. އަތޮޅު އަންބާރަ އިން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ހުރީ ބަންގުލަދޭޝް މީހެއް އެކަނި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި ހުރި ބަނގްލަދޭޝް މީހާގެ އިތުރުން ދިވެހި ތިން ފިރިހެނަކު ވެސް އެ މައްސަލާގައި ގޭ ބަންދުގައި ތިބި ކަމަށެވެ. ނަމަވެސް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ގޮތުގެ ތަފުސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅެއްނުވެ އެވެ.

މިދިޔަ އޭޕްރީލް މަހު އެ ރަށުން ހައްޔަރުކޮށްފައި ވަނީ 79 މީހެކެވެ. އޭގެ ތެރޭގައި 59 ފިރިހެނުންނާއި 19 އަންހެނުން އަދި 18 އަހަރުން ދަށުގެ އެއް ކުއްޖަކު ހިމެނުނު އިރު، އެ އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައި ވަނީ އަންބަރާގައި ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި މަނާބޭސް ގުޅަތަކަކާއި އެލްއެސްޑީ ސްޓިކާތަކަކާއި ބަނގުރާ ދަޅުތަކަކާއި މަސްތުވާތަކެތި އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި ކެނަބިސްގެ ބާވަތެއް ކަމަށްވާ ބުލެޓް ސައިޒްގެ ރަބަރު ޕެކެޓްތަކަކާއި ހަމަ އެ ބާވަތް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅުތަކަކާއި މަސްތުވާތަކެއްޗާއި ދުންފަތް އެއްކޮށްގެން ހަދާފައިވާ ތެޔޮ ބިޑިތަކަކާއި މަސްތުވާތެކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިންކޮޅުތަކެއް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90000 އަށް ވުރެ ގިނަ ރުފިޔާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.