04 Jan 2011, 09:16
ތިން ގްރާމަށް ވުރެ މަދުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް ނޫނީ ތިން ގްރާމަށް ވުރެ މަދުން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރާ މީހުންނަށް ވެސް ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ގަވައިދެއް ހޯމް މިނިސްޓްރީން އެކުލަވައިލައި އާންމުކޮށްފި އެވެ.
މި އަހަރުގެ ދެ ވަނަ ގެޒެޓުގައި އިއްޔެ ހޯމް މިނިސްޓްރީން އާންމު ކުރި 26 ނުކުތާގެ އިއުލާންގައި ބުނެފައި ވަނީ، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ރާއްޖެ އިން ބޭރުން ފަރުވާ ހޯދޭނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި މީހުންނާއި މަސްތުވާތަކެތި އަތުގައި ބެހެއްޓި މީހުންގެ ތެރެއިން ތިން ގްރާމަށް މަދުން އެ މީހެއްގެ އަތުން މަސްތުވާތަކެތި ފެނިފައިވާ މީހުންނަށް ކަމަށެވެ.
ނަމަވެސް ހޯމް މިނިސްޓްރީގެ ގަވާއިދުގައި ބުނެފައި ވަނީ ހަ ބާވަތެއްގެ ކުށެއްކޮށްފައިވާ މީހަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ މީހުންނާއި ކުޑަ ކުދިންނަށް ޖިންސީ ހާއްނިއްކަ ކުރާ މީހުންނާއި މަރުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކާއި ޓެރަރިޒަމާއި ކައުންޓާފީޓް ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން، މަނާކޮށްފައިވާ މަސްތުވާއެއްޗެއް، އެއް ގްރާމަށް ވުރެ ގިނަ އިން މީހެއްގެ އަތުގައި ހުރެއްޖެ ނަމަ އެކަން ބެލެވެނީ ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓީ ކަމަށެވެ. އަދި އެ ފަދަ މީހެއްގެ އަދަބީ އުމުރު ދުވަހަށް ޖަލަށް ލުމެވެ.