މޮސްކޯ (ޖޫން 10): ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ނޭޓޯގެ އިތުރު ބާރުތައް ރުކުރުވާލާނަމަ އެއީ އުދުވާނީ ހަރަކާތެއްގެ ގޮތުގައި ބަލައި އެކަމާ ދެކޮޅަށް ސިޔާސީގޮތުންނާއި އަސްކަރީގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ރަޝިޔާ އިން ދީފި އެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރުގެ ނައިބު ވްލަޑިމޭރު ތީތޯވް ވިދާޅުވީ ވަގުތީގޮތުން ކަމަށްވިޔަސް އަދި ދާއިމީ ގޮތުން ކަމަށްވިޔަސް ނޭޓޯގެ އިތުރު ބާރުތައް ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ރުކުރުވާލުމަކީ އުދުވާނީ އަމަލެއް ކަމަށް ރަޝިޔާއިން ބަލާނެ ކަމަށާއި އެކަމާ ދެކޮޅަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް ރަޝިޔާއިން ވަރަށް ސާބިތު ކަމާއެކު އަޅާނެ ކަމުގައެވެ.

ވުލަޑިމޭރު ތީތޯވްއާ ހަވާލާދީ ރަޝިޔާގެ އިންޓަފެކްސް ނޫސްއެޖެންސީ ބުނެފައިވަނީ ނޭޓޯގެ ބާރުތައް ރަޝިޔާ ވަށާލައި ރަޝިޔާ ހިސާރު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ނޭޓޯއިން އެކަން ރަނގަނޅަށް ދަންނަންޖެހޭނެ ކަމުގައެވެ. އަދި ރަޝިޔާގެ މަސްލަހަތަށް ބެލުމެއްނެތި ނޭޓޯއިން މިފަދަ ފިޔަވަޅެއް އަޅައިފިނަމަ އެކަމުގެ ސަބަބުން ރަޝިޔާ އަޅާ ފިޔަވަޅުތަކުގެ ޒިންމާ އުފުލަން ޖެހޭނީ ނޭޓޯއިން ކަމަށްވެސް ރަޝިޔާގެ ހާރިޖީ ވަޒީރުގެ ނައިބު ވިދާޅުވި އެވެ.

ރަޝިޔާގެ މަސްއޫލުވެރިޔާ މިހެން ވިދާޅުވެފައި މި ވަނީ ނޭޓޯގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް އެއްބިލިޔަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށް ދިނުމުގެ ޕްލޭނެއް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއުލާން ކުރައްވާފައި ވަނިކޮށެވެ. މީގެއިތުރުން ނޭޓޯގެ މެންބަރުންގެ ގޮތުގައި ތިބި ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުން ވަނީ އެގައުމުތަކުގައި ނޭޓޯގެ އަސްކަރީ އިތުރު ބާރުތައް ރުކުރުވާލުމަށް ވެސް ނޭޓޯގެ ކިބައިން އެދިފައެވެ. ނަމަވެސް ރަޝިޔާއާ އަވަށްޓެރި އިރުމަތީ ޔޫރަޕްގައި ހިމެނޭ ނޭޓޯގެ ގައުމުތައް ކަމަށްވާ ޕޮލެންޑް، ރުމޭނިޔާ، ބަލްގޭރިޔާ އަދި ޗެކްރިޕަބްލިކް ފަދަ ގައުމުތަކުގައި ނޭޓޯގެ އިތުރު ބާރެއް ރުކުރުވާލުމުގެ ޕްލޭނެއް ނެތްކަމަށް ނޭޓޯއިން ބުނެއެވެ.

ނޭޓޯއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުކަމަށް ވި ނަމަވެސް ރަޝިޔާއާ ކުރިމަތިލައިގެން އަސްކަރީ ގޮތުން ނޭޓޯއަށް ކާމިޔާބު ނުވާނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ. (ރޮއިޓާސް)