ކަރާޗީ (ޖޫން 10): ޕާކިސްތާނުގެ ކަރާޗީ އެއަޕޯޓަށް، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާތަކަށްފަހު އެއާޕޯޓް އަލުން ހުޅުވައި ދަތުރުތައް ކުރިޔަށް ގެންދަން ފަށައިފި އެވެ.

ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުން ވަނީ، 30 މީހުން މަރުވި ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އުފުލައިފައެވެ. ތާލިބާނުންގެ ތަރްޖަމާނަކު ބުނީ މިއީ މިދިޔަ އަހަރު އެ ޖަމާއަތުގެ ލީޑަރު ހަކީމުﷲ މަހްސޫދު އެމެރިކާގެ ހަމަލާއެއްގައި މަރުވުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމުގައެވެ.

ކަރާޗީ އެއާޕޯޓްގެ ބާ ޓާމިނަލްއަށް އެ ހަމަލާތައް ދިނުމުގައި ބައިވެރިވި 10 ހަނގުރާމަވެރިން ވެސް ވަނީ ޕާކިސްތާން ކޮމާންޑޯސް ސިފައިންގެ ހަމަލާތަކުގައި މަރުވެފައެވެ.

މިހާދިސާގައި މަރުވި 30 މީހުންގެ ތެރޭގައި އެ 10 މީހުންވެސް ހިމެނެއެވެ. މި ހާދިސާގައި، ހަތިޔާރުއެޅި މީހުންނާއި އިތުރު 20 މީހުން މަރުވެފައިވަނީ ހަތިޔާރުއެޅި މީހުންނާއި ޕާކިސްތާން ސިފައިންގެ ކޮމާންޑޯސް އިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގައެވެ.

ހަތިޔާރު އަޅައިގެންތިބި ދިހަވަރަކަށް މީހުން ކަރާޗީގެ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓްގެ ބާ ޓާމިނަލްއަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހަމަލާދީފައި ވަނީ ބަޑިއާއި އަތުބޮމުންނެވެ. ހަތިޔާރުއެޅި މީހުން ކޮންޓްރޯލްކޮށް އެމީހުން އެއާޕޯޓް ސަރަހައްދުން ބޭރުކުރުމަށް އެއާޕޯޓް ސެކިއުރިޓީ ފޯސް ގެ ގާޑުން ނުކުޅެދުމާއެކު ދެން އެމީހުންނާ ކުރިމަތިލާފައި ވަނީ ޕާކިސްތާން ސިފައިންގެ އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ ކޮމާންޑޯސް ގެ ސިފައިންނެވެ. ކޮމާންޑޯސް ގެ ސިފައިންވަނީ ފަސް ގަޑި އިރު ތެރޭގައި ހަތިޔާރުއެޅި އެންމެން މަރާލައި އެމީހުންގެ ނުރައްކަލުން ޖިނާހް އެއަރޕޯޓް ސަލާމަތްކޮށްފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ މުސްތަޝާރު އާސިފް ކަރީމާނީ ވަނީ ޕާކިސްތާނުގެ ކޮމާންޑޯސް ސިފައިން ހަނގުރާމަވެރިންނާ ކުރިމަތިލައި އެމީހުން ބަލިކޮށްލި ހުނަރުވެރި ގޮތްތަކަށާއި ކޮމާންޑޯސް އިންގެ ހިއްވަރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުގެ ތަރްޖަމާނަކު ވަނީ ތާލިބާން ހަނގުރާމަވެރިންނަށް އެއާޕޯޓްގެ ޓާމިނަލްއަށް ވަދެވުނުގޮތާއި މިކަން ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަހްގީގެއް ފަށާފައިވާކަން ހާމަކުރައްވާފައެވެ. (ރޮއިޓާސް)