ނިޔުޔޯކް (ޖޫން 9): ހަނގުރާމަވެރި މިލީޝިޔާތަކުގެ ލީޑަރުން (ވޯލޯޑުން) ކޮންޓްރޯލް ކުރާ ސޮމާލިޔާ ފަދަ ނާކާމިޔާބު ދައުލަތަކަށް ސޫރިޔާ ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އދ. އާއި އަރަބި ލީގުން ސޫރިޔާއަށް ކަނޑައަޅާފައިވާ ކުރީގެ މަންދޫބު އަލްއަޚްޟަރުލްއިބްރާހީމީ ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ދީރުޝްބީގަލް އަށް ދެއްވި ބަސްދީގަތުމެއްގައި އިބްރާހީމީ ވިދާޅުވީ ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ޒައީމުންގެ އަތްދަށަށް ސޫރިޔާ ދިޔުމަކީ އެގައުމުގެ ހާލަތު މިހާރަށްވުރެ އެތަށް ގުނައެއް ނުރައްކާ ވާނެ ކަމެއް ކަމަށާއި އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ސޫރިޔާގެ ދައުލަތް ރޫޅި ސޫރިޔާ އަކީ އަވަށްޓެރި ގައުމުތަކުގެ އަމަނާއި ސަލާމަތަށް އޮތް ހަގީގީ ނުރައްކަލަކަށް ވެގެން ދާނެ ކަމުގައެވެ.

ސޫރިޔާގެ މައްސަލަ މިހާރު ގޮސްފައިވާ ނުރައްކާތެރި ހާލަތަށް ގޮސްފައި ވަނީ ލީބިޔާއާއި މިސްރާއި ތޫނިސްގެ ކުރީގެ ވެރިކަމުގެ ނިޒާމުތައް ވެއްޓިގެންދިޔަ ގޮތަށް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަންވެސް ފަސޭހައިން ވެއްޓިގެންދާނެ ކަމަށް ލަފާކޮށް ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކުންނާއި އަވަށްޓެރި ބައެއް ގައުމުތަކުން ސޫރިޔާގެ ހަނގުރާމަވެރިންނަށް ފައިސާއާއި ހަތިޔާރާއި އެނޫން ވެސް އެހީތައް ފޯރުކޮށް ދިނުމުގެ ސަބަބުން ކަމަށްވެސް އިބްރާހީމީ ވިދާޅުވި އެވެ.

އެ ގައުމުތަކުން ސޫރިޔާގެ ހަނގުރާމަވެރިންނަށް އެހީތެރިވުމުގެ ބަދަލުގައި ސޫރިޔާއަށް ސުލްޙަ ގެނައުމަށް އެންމެ ފުރަތަމަވެސް މަސައްކަތް ކުރިނަމަ، ސޫރިޔާގެ ހާލަތު މިހިސާބަށް ނުދާނެ ކަމަށާއި ސޫރިޔާގެ ހަނގުރާމައިގެ ހުރިހާ ގެއްލުމެއް ލިބެމުންދަނީ އެގައުމުގެ ނިކަމެތި ރައްޔިތުންނަށް ކަމަށް އިބްރާހީމީ ވިދާޅުވި އެވެ.

ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާވެރި އަމަލުތައް ބިރުގަންނަ މިންވަރަކަށް އިތުރުވެފައި ވާއިރު މިފަދަ ޖަރީމާތައް ހިންގަމުން ގެންދާކަމުގެ ތުހުމަތު ސޫރިޔާ ސިފައިންނާއި ރައީސް ބައްޝާރަށް ވަފާތެރި ޝައްބީހާ ޖަމާއަތުގެ އިތުރުން އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްޗަށްވެސް ކުރެވިފައިވެއެވެ.

ސޫރިޔާގެ ދާހިލީ ހަނގުރާމައިގައި ރައީސް ބައްޝާރުގެ ސަރުކާރަށް އީރާނާއި ރަޝިޔާއާއި އިރާގުން އެހީތެރިވާއިރު އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވަމުން ގެންދަނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކާއި ގަލްފުގެ އަރަބި ގައުމުތަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސޫރިޔާގެ ދާހިލީ ހަނގުރާމައިގައި ދެލައްކައަށްވުރެ ގިނަ މީހުން މަރުވެ މިލިޔަނަކަށްވުރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު އަތްފައި ބުރިވެ ނުކުޅެދޭ ހާލަތަށް ގޮސްފައިވާ އެތަށް ހާސްބަޔަކު ތިބި ކަމަށް ވެއެވެ. އަދި ސޫރިޔާގެ ރައްޔިތުންގެ ތެރެއިން ހަތް މިލިޔަނަށްވުރެ ގިނަ މީހުން ރެފިއުޖީންނަށް ވެފައިވާ އިރު މި ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްތަކާއި ވިލެޖްތަކުގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑުވެ ވީރާނާ ވެފައެވެ. (ރޮއިޓާސް)