ޗައިނާގައި ބޭއްވި ޓްރޭޑް ފެއާގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭ ވަަޑައިގެންފި އެވެ.

ރޭ ރާއްޖެ ވަޑައިގަތުމަށް ފަހު މީޑިއާ އާ ބައްދަލު ކުރައްވައި ނާއިބު ރައީސް ވިދާޅުވީ ޓޫރިޒަމްގެ ދާއިރާ އިންނާއި އިޔާދަ ކުރުވަނިވި ހަކަތައިގެ ދާއިރާ އިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޗައިނާގެ ޔޫނާން ޕްރޮވިންސުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އަދި ހާއްސަކޮށް ޓޫރިޒަމްގެ ދާއިރާ އިން ރާއްޖޭގައި އިންވެސްޓް ކުރުމަށް އެ ޕްރޮވިންސުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވި އެވެ.


ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ބައްލަވައިލައްވަމުން އެ ޕްރޮވިންސުން ރާއްޖޭގައި އިގްތިޞާދީ ގޮތުން ތަފާތު ދާއިރާތަކުގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާކަން ފާހަގަކުރެއްވި ކަމަށް ނާއިބު ރައީސް ވިދާޅުވި އެވެ.