ކުދި ޖަޒީރާ ގައުމުތަކަށް ޓަކައި ރާއްޖެ އަށް ވުރެ ބޮޑަށް އެއްވެސް އެހެން ގައުމަކުން މަސައްކަތް ނުކުރާ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

އިނގިރޭސި ރާނީ އެލިޒަބަތު 2ގެ ރަސްމީ އުފަން ދުވަސް ފާހަގަ ކުރުމަށް ޓްރޭޑާސް ހޮޓަލުގައި މިރޭ ބޭއްވި ހަފުލާއެއްގައި އިނގިރޭސި ހައިކޮމިޝަނަރު ޖޯން ރޭންކިން ވިދާޅުވީ މޫސުމަށް އަން ބަދަލުތަކާ ގުޅުން ހުރި ކަންކަމުގައި ރާއްޖޭން ކުރާ މަސައްކަތަށް އިނގިރޭސިވިލާތުން އަބަދުވެސް އެހީތެރިވާނެ ކަމަށެވެ.

"... ޖަޒީރާ ދެގައުމަށް ވާތީ އަޅުގަނޑުމެން ދެގައުމަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް ހުށަހެޅިފައިވާ ދެ ގައުމު. މޫސުމަށް ބަދަލު އައުމަށް މަގު ފަހިވާ ކަންކަމާ ދެކޮޅަށް، މަސައްކަތް ކުރުމުގައި ރާއްޖެއަކީ ވަރަށް ބޮޑަށް އަޑު އުފުލާ އަދި ނުފޫޒު ގަދަ ގައުމެއް. މިދާއިރާ އިން ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖެ އަށް ވުރެ ވަރުގަދައަށް އެއްވެސް ގައުމަކުން މަސައްކަތެއް ނުކުރޭ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުރާ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި ރާއްޖޭން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ޖޯން ރޭންކިން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ބާރުތައް ވަކިވެފައިވާ ޑިމޮކްރެޓިކް ގައުމެއްގެ ގޮތުގައި ރާއްޖެ ކުރިއަށް ދާން އެހީތެރިވުމުގައި އިނގިރޭސިވިލާތުން ދެމި ތިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ހެޔޮވެރިކަމާއި އިންސާނީ ހައްގުތަކާއި ތަރައްގީ އަށް މަސައްކަތް ކުރުމުގައި ރާއްޖޭގެ ބައިވެރިއެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮންނާނެ ކަމަށެވެ.

މިރޭގެ ހަފުލާގައި ދިވެހި ސަރުކާރުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ސިޔާސީ އަދި އިގުތިސާދީ ތަރައްގީ އަށް އިނގިރޭސިވިލާތުން ކޮށްދީފައި ވަނީ ލާމަސީލު މަސައްކަތްތަކެއް ކަމަށެވެ.

"... ރާއްޖޭގެ އިޖުތިމާއީ ސިޔާސީ އަދި އިގުތިސާދީ ތަރައްގީ އަށް ޔޫކޭއިން ކޮށްދީފައިވާ މުހިއްމު ހިދުމަތްތަކަކީ ލާމަސީލު ހިދުމަތްތަކެއް." އޭނާ ވިދާޅުވި އެވެ.

ކޮމަންވެލްތުގެ ގައުމުތަކުގައި ބާއްވާ ރާނީގެ ރަސްމީ އުފަން ދުވަސް ފާހަގަކުރުމުގެ ހަފްލާއަކީ އެކި ގައުމުތަކުގައި ތަފާތު ތާރީހުތަކުގައި ބާއްވާ ހަފުލާއެކެވެ. އެ ހަފުލާއަކީ ރާނީގެ އަސްލު އުފަންދުވަހާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. ރާނީ އެލިޒަބަތުގެ ހަގީގީ އުފަން ދުވަހަކީ އޭޕްރީލު މަހުގެ 21 ވަނަ ދުވަހެވެ. ރާނީގެ ރަސްމީ އުފަންދުވަސް ފާހަގަ ކުރުމުގެ ހަފުލާ ރާއްޖޭގައި ނުބާއްވާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.