އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގައި ވާދަކުރާ ހޯސޭ ޕެކަމެންގެ ސްކޮޑުން އަނިޔާވެފައިވާ މިޑްފީލްޑަރު އަލްޑޯ ލީއޯ ރަމިރޭޒްގެ ބަދަލުގައި ކާލޮސް ކާބޮނޭރޯ އަށް ޖާގަ ދީފި އެވެ.

މިޑްފީލްޑަރު ރަމިރޭޒް އަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު ޖޯޑަންއާ ދެކޮޅަށް ކުޅެ، 3-0 ލަނޑުން ކޮލަމްބިއާ މޮޅުވި މެޗުގަ އެވެ. ރަމިރޭޒް އަށް އަނިޔާވެ ސްކޮޑުން އުނިކުރުމުގެ ކުރިން ކޮލަމްބިއާގެ ތަރި ރަޑަމެލް ފަލްކާއޯގެ ކަކުލަށް ލިބުނު އަނިޔާއިން ސަލާމަތްވާނެ ކަމުގެ ޔަގީން ކަމެއް ނެތުމުން އޭނާ ވެސް ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ.

ޖެނުއަރީ 2012 ގައި ކޮލަމްބިއާގެ ކޯޗުކަމާއި ޕެކަމެން ހަވާލުވުމަށް ފަހު، އާޖެންޓީނާގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ރިވާ ޕްލޭޓަށް ކުޅެމުން އަންނަ ކާބޮނެރޯ އަށް ކޮލަމްބިއާ ޓީމުން ޖާގަ ލިބިފައެއް ނުވެ އެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ސީގައި ޖޫން 14 ވަނަ ދުވަހުގެ ރޭ 9:00 ގައި ކޮލަމްބިއާ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ގްރީސްއާ ދެކޮޅަށެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އައިވަރީ ކޯސްޓާއި ޖަޕާނެވެ.