އާއިލާއިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާއިލާއިން ގެއްލިގެން އިއްޔެ ހޯދަމުން ދިޔަ 24 އަހަރުގެ ފިރިހެން މީހާ ހައްޔަރަރު ކުރީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މަހިބަދޫގައި އޭނާ ދިރިއުޅޭ ކޮޓަރިތެރެއިން މަސްތުވާތަކެއްޗާ އެކު ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމީހާ ކޮޓަރި އަށް ވަދެފައިވަނީ އޭނާ ހޯދަން އާއިލާއިން ފުލުހުންނަށް ހުށަހެޅިކަން އޭނާއަށް އެނގިގެންނެވެ. އަދި އޭނާ ކޮޓަރިއަށް ވަނީ އާއިލާ މީހުންނަށް ވެސް ނޭނގިއެވެ.

މަސްތުވާތަކެތި ފެނިފައިވަނީ އޭނާ އެވަގުތު ލައިގެން ހުރި ޖިންސްގެ ޖީބު ތެރެއިން ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރި އިރު މަސްތުވާތަކެތީގެ ދެ ބާވަތަކަށް ޕޮޒިޓިވްވެފައިވަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ހައްޔަރުކޮށްގެން މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަހިބަދޫ ޕޮލިސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.