ޝަރުއީ ކޯޓެއްގެ އަމުރަކާއި ނުލައި ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މީހެއްގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ޕާސްޕޯޓު ހިފެހެއްޓުމުގެ ބާރު ފުލުހުންގެ އިތުރުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާތަކަށް ލިބިގެންދާނެ އެވެ.

އެ ބިލުގައިވާ ގޮތުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނީ ގިނަވެގެން 24 ގަޑިއިރަށް ނުވަތަ އެއް ދުވަހަށެވެ. އަދި 24 ގަޑިއިރަށްވުރެ، އިތުރު މުއްދަތަކަށް ފާސްޕޯޓް ހިފެހެއްޓޭނީ ޝަރުއީ ކޯޓެއްގެ އަމުރަކުން ނުވަތަ ހުކުމަކުން ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ކޯޓެއްގެ އަމުރަކަށް ނުވަތަ ތަހުގީގު ކުރުމުގެ ބާރު ގާނޫނެއްގެ ދަށުން ލިބިދީފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ޖެހިއްޖެނަމަ އެ ޕާސްޕޯޓް ހިފެހެއްޓުމުގެ ބާރު ލިބިދެނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށެވެ.

މިހާރު އަމަލު ކުރަމުންދާ ގޮތުން މީހުންގެ ޕާސްޕޯޓް ހިފަހައްޓަނީ ކޯޓު އަމުރެއް ނުވަތަ ހުކުމަކުންނެވެ. މީސްމީހުންގެ ޕާސްޕޯޓް ހިފަހައްޓަނީ ޖީނާއީ ނުވަތަ މަދަނީ ތުހުމަތުތަކެއް ކުރެވިފައިވާ މީހަކު ރާއްޖެއިން ބޭރަށް ފިލައިގެން ދިއުން ހުއްޓުވުމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާރު ގާނޫނު އޮންނަ ގޮތުން ކޯޓު އަމުރަކާ ނުލައި ޕާސްޕޯޓު ހިފެހެއްޓުމުގެ ބާރު އެ މުއައްސަސާއަށް ލިބިފައި ނުވާ ކަމަށެވެ.