09 Jun 2014, 16:59
ކޮންމެ އަހަރެއްގެ ވެސް "ޖޫން ޖުލައި" ދުވަސްވަރަކީ، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ ރަށްރަށަށް ރަށް ގިރުމާއި އުދަ އެރުމުގެ އަސަރު ތަންކޮޅެއް ބޮޑަށް ތަހައްމަލު ކުރަން ޖެހޭ ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުގެ ބައެއް ރަށްރަށަށް އުދައެރުމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ އިރު ހއ. ދިއްދުއަށް މިއަދު ވަނީ އުދައަރަން ފަށައިފައެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހއ. ދިއްދޫ ކައުންސިލްގެ ނައިބް ރައީސް ޖައުހަރީ އަލީ ވިދާޅުވީ، މިއަދު އެ ރަށަށް އުދަ އަރަން ފަށާފައި ވަނީ ރަށުގެ ގިރާ ސަރަހައްދު އަދި ރަށުގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ހުޅަނގު ދެކުނު ފަރާތުން ކަމަށެވެ. އަދި ރާޅުގެ އަސަރު މޫދާއި އެންމެ ކައިރީގައި ހުރި ގެތަކަށްވެސް ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭ ދަންވަރު އައި ކޮޅިގަނޑެއްގައި ވެސް ކޮންމެވެސް ވަރަކަށް ރަށުތެރެއަށް ރާޅު އަރާފައި ވަނީ. މިފަހަރު ރާޅު އަރަމުން މިދަނީ ރަށުގެ އެންމެ ގިރާ ސަރަހައްދުން. އެކަމުގެ ބިރު އެ ސަރަހައްދުގެ ގެތަކުގައި އުޅޭ މީހުންނަށް އެބަ އޮތް. އަޅުނގަޑުމެން ހަމަ ކޮންމެ ވަގުތެއްގައި ވެސް ހޭލާ ތިބެން ޖެހިދާނެ،" އޭނާ ވިދާޅުވި އެވެ.
ހުޅަނގު މޫސުމާ ދިމާކޮށް އެރަށަށް ދިމާވާ އުދަ އެރުމުގެ މައްސަލައަށް މީގެ ކުރިންވެސް ވަގުތީ ހައްލެއް ގެނައުމަށްޓަކައި ރައްޔިތުން ނުކުމެ ވަނީ ޖަންބޯ ބޭގު ޖަހައިފައެވެ.
ޖައުހަރީ ވިދާޅުވީ، އުދައެރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާ އެކު ބައްދަލުވުމެއް ބާއްވައި، އުދަ އަރާ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމަށް ނިންމާފައިވާ ކަމަށެވެ.
"މިފަހަރު ވެސް ވެލި ބަސްތާ ޖެހުމަށް ނިންމާފައި ވީ ނަމަވެސް އަމަލީ މަސައްކަތެއް އަދި ނުފެށޭ. މޫދަށް އެރިގެން މިފަހަރު މަސައްކަތެއް ނުކުރެވޭނެ. އެއަށްވުރެ ރާޅު ބޮޑު. މިފަހަރު ވިސްނަންޖެހޭނީ ބީޗުގައި އެއްޗެހި ތަކެއް ޖަހައިގެން ހައްލެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.
ދިއްދޫ ކައުންސިލުން ކުރިން ބުނެފައިވަނީ 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް 300 ވަރަކަށް ފޫޓް އެރަށުން ގިރާލާފައިވާ ކަމަށެވެ.