04 Jan 2011, 09:15
އަރަބިއްޔާގެ ދަރިވަރުންނާ މެދު ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ އަރަބިއްޔާގެ މައްސަލަ މަދަނީ ކޯޓަށް ދާދި ދެންމެޔަކު ހުށަހަޅައިފި އެވެ.
އަރަބިއްޔާ ދަރިވަރުންގެ ހައްގުތައް ގެއްލިފައިވާތީ އާއި އެ ދަރިވަރުންނާ މެދު ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ މިއަދު މަދަނީ ކޯޓަށް ހުށަހަޅާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު އަދި ދުސްތޫރީ މައްސަލަތައް ފަހަކަށް އައިސް ކާމިޔާބު ކުރަމުންދާ މަޝްހޫރު ގާނޫނީ ވަކީލް އާޒިމާ ޝުކޫރު އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަބިއްޔާ މައްސަލާގައި އާޒިމާ ވަކާލާތު ކުރަނީ ހިލޭސާބަހަށެވެ.
އާޒިމާ މިއަދު ވިދާޅުވީ އެ މައްސަލަ މިއަދު މަދަނީ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ތަފްސީލް ފަހުން މީޑިއާއާ ހިއްސާކުރައްވާނެ ކަމަށެވެ.
އަރަބިއްޔާ މައްސަލަ މަދަނީ ކޯޓަށް ހުށަހެޅުމަށް ނިންމީ އަރަބިއްޔާ ބެލެނެވެރިން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބެލެނެވެރިންގެ އަގުލަބިއްޔަތުން އެ މައްސަލަ ކޯޓަށް ވެއްދުމަށް ނިންމުމާ ގުޅިގެންނެވެ.
ބެލެނެވެރިންގެ ބައްދަލުވުމުގައި އިސްކޮށް ހަރަކާތެރިވި އަބްދުއްސަލާމް ދާއޫދު ވިދާޅުވެފައި ވަނީ އެ މައްސަލާގައި މަދަނީ ކޯޓަށް ހުށަހަޅާނީ އަރަބިއްޔާގެ ދަރިވަރުންގެ ހައްގުތައް ގެއްލި އެ ކުދިންނަށް ސްކޫލެއް ނެތި އެއް އަހަރު ދުވަސްވަންދެން މަންދު ކޮލެޖްގައި އެ ކުދިން ތިބެން ޖެހުމުން އެ ކުދިންނަށް ލިބެން ޖެހޭ ތައުލީމް އެކަށީގެންވާ ގޮތުގައި ނުލިބޭ ކަމަށެވެ. އަދި އަސާސީ ގޮތުން ދަރިވަރުންނަށް ލިބެން ޖެހޭ ހިދުމަތްތައް ފޯރުކޯށްދިނުމުގައި އެޑިއުކޭޝަން މިނިސްޓްރީ އިހުމާލު ވެފައިވާ ކަމަށް އެނާ ވިދާޅުވެފައިވެ އެވެ.