19:00


ސ. ހިތަދޫގައި އަންހެން ކުއްޖަކަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު، 15 މީހުން ވެގެން އެކުއްޖާއާ ގަދަކަމުން ބަދުއަޙްލާޤީ އަމަލް ހިންގި މައްސަލައެއްގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


އައްޑޫ ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރު، ސަބް އިންޕެކްޓަރ އާދަމް އިޔާޒް މިއަދު ވިދާޅުވީ 15 ވަރަކަށް ފިރިހެނުން ވެގެން އުމުރުން 21 އަހަރުގެ އެ އަންހެން ކުއްޖާއާ ގަދަކަމުން ބަދުއަޙްލާޤީ އަމަލް ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރޭ އޭނާގެ ދައްތައެއްގެ ގެއަށް ޓީވީ ބަލަން ގޮސްފައި އެނބުރި ގެއަށްދިޔަ މަގުމަތީގައި ސައިކަލެއްގައިދިޔަ ދެ މީހަކު އެ އަންހެން ކުއްޖާއަށް ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު، ހިތަދޫ ސްޓޭޑިއަމާ ދިމާލު ފުއްޓަރުފަރާތުގެ ވަލުތެރެއަށް ގެންގޮސްގެން ކަމަށެވެ.


އިޔާޒް އަދި ވިދާޅުވީ އެ އަމަލް އެމީހުން ހިނގީ އެރޭ އަށެއް ޖަހާ އެހާކަންހާއިރު ކަމަށް އަންހެން ކުއްޖާ ބުނެފައިވާ ކަމަށާއި އާއިލާ އިން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އަދި އެމީހުން އެ އަމަލް ހިންގި ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދާ ފުދޭވަރަކަށް ދުރު ސަރަހައްދެއް ކަމަށާއި އެ އަންހެން ކުއްޖާއަށް މިހާރު ހިތަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.


އެ މައްސަލައާ ގުޅުން ހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށާއި އެ އަމަލް ހިންގަމުން ފޮޓޯ އާއި ވީޑިއޯ ނަގާފައިވާ ބައެއް ފޯންތައް ހޯދައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.