09 Jun 2014, 16:36
ސިއްހީ ދާއިރާއާއި ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް "ބައެއް ނޫސްތަކުން" ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ހެލްތު މިނިސްޓްރީއިން ގޮވާލައިފިއެވެ.
ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގީލާ އަލީ ވިދާޅުވީ އެފަދަ މައުލޫމާތުތައް މީޑިއާ މެދުވެރިކޮށް ފެތުރެމުންދާތީ ހޮސްޕިޓަލްތަކަށް ހިދުމަތް ހޯދުމަށް އަންނަ ބަލިމީހުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ދިމާވަމުންދާ ކަމަށް ގީލާ ވިދާޅުވިއެވެ.
ހޮސްޕިޓަލްތަކުގައި ދިމާވާ ކަމަށް ބުނާ އެފަދަ މައްސަލަތަކުގައި ހޮސްޕިޓަލްގެ ބަހެއް ނުވަތަ ހެލްތް މިނިސްޓްރީގެ ބަހެއް މީޑިއާ ތަކަށް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ނޫސްވެރީން ވަނީ ބުނެފައެވެ. ސަބަބަކަށް ވެފައިވަނީ އެމުއައްސަސާތަކުގެ މީޑިއާ އޮފިޝަލުން ފޯނަށް ޖަވާބު ނުދިނުމެވެ.
އެމައްސަލައާއި ގުޅޭގޮތުން ގީލާ ވިދާޅުވީ އެފަދަ މައްސަލަތައް ހައްލުކުރުމަށް މީޑިއާ ތަކާއި މަޝްވަރާކުރުމަށް ހެލްތް މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް މީޑިއާތަކާއި ބައްދަލުކުރާނެ ކަމަށެވެ.
ހެލްތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީޑިއާތަކުން ހެލްތް ދާއިރާ އާއި ގުޅޭގޮތުން ފަތުރާ ޚަބަރުތަކުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލާއި ގުޅޭގޮތުންނާއި ރޭ އައިޖީއެމްއެޗް ހޮސްޕިޓަލްގައި އަންހެނަކު ކިޔޫގައި އިނދެ ވިހިކަމަށްބުނާ ޚަބަރު ބައެއް މީޑިއާތަކުން ގެނެސްދީފަިއވާ އިރު އެއީ ދޮގު ޚަބަރުތަކެއް ކަމަށް ހެލްތް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.