09 Jun 2014, 16:22
އެސްޓީއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ޕޮލިސް ކްލަބް އަތުން އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމު ރޭ މޮޅުވީ ހުރިހާ ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުން ކަމަށް އެ ޓީމުގެ ކޯޗު އައްސަދު އަބްދުލް ޣަނީ ބުނެފި އެވެ.
މިހާރު ކުރިއަށްދާ ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕް ރޭ ފެށި އިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސަން އާއި ޕޮލިސް ކްލަބެވެ. މި މެޗު ސަން އިން ކާމިޔާބުކުރީ ބޮޑު ތަފާތަކާ އެކު 4-0 އިންނެވެ. މެޗުގައި ސަންގެ ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އައިޝަތު މާހިން އާއި ޕާކިސްތާނު ކުޅުންތެރިޔާ ހަޖްރާ ޚާން އެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައިމިނަތު ޝާމިލާ އެވެ.
ރޭގެ މެޗާ ބެހޭގޮތުން 'ސަން' އާ ވާހަކަ ދައްކަމުން ރާއްޖެއަށް ފުޓްބޯޅައިން ރަން މެޑެލްއެއް ހޯދައިދިން ރާއްޖޭގެ ފުޓުބޯޅައިގެ ގޯލްޑް ކެޕްޓަން އައްސަދު ބުނީ، ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ކާމިޔާބީއަށް ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށެވެ.
"ބޭނުން ކަންތައް ވެއްޖެ. ތިން މެޗު ކުޅޭއިރު، މުހިންމީ ތިން ޕޮއިންޓް ހޯދުން. ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓް. ހުރިހާ ކުޅުންތެރިން ކުރި މަސައްކަތަށް މަރުހަބާ ކިޔަން. އެއީ ކުޅުންތެރިންގެ މަސައްކަތުން ހޯދުނު ކާމިޔާބެއް. މުބާރާތް ކައިރިވެގެން އައި އިރު އަދި މުބާރާތް ފެށުނު އިރު ވެސް ވާހަކަ ދެކެވުނީ ފުރަތަމަ މެޗުގެ މުހިންމުކަމާ ބެހޭގޮތުން،" ސަން ޓީމުގެ ކޯޗު ބުންޏެވެ.
ރޭގެ މެޗުގައި، ސަންގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ޕާކިސްތާނުގެ ހަޖްރާ ހާން އަދި ސްރީލަންކާގެ ހަޝިނީ މަދުޝަނީ އަރިޔަތުނާގެ ކުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން އައްސަދު ބުނީ، އެ ކުޅުންތެރިންނަށް ޓީމާއެކު ބައިވެރިވެވުނީ މަދު ފަރިތަކުރުންތަކެއްގައި ކަމަށެވެ. ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުން އެންމެ ބޭނުންވާ ކުޅުން ނުފެނުނު ކަމުގައި ވިޔަސް، އެ ކުޅުންތެރިންގެ ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް އައްސަދު ބުންޏެވެ.
"ބިދޭސީ ކުޅުންތެރިންގެ ކުޅުމާއި މެދު ހިތްހަމަޖެހޭ. އެކަމަކު އަދިވެސް ބަދަލުތަކެއް ގެންނަން ބޭނުންވާއިރު، އެކުޅުންތެރިންނާ އެކު ޕްރެކްޓިސް ކުރެވުނީ ވަރަށް މަދުން. އެހެންވީމާ އެންމެ ރަނގަޅު ގޮތްތައް ނުވި ކަމުގައި ވިޔަސް، އެ ކުޅުންތެރިންގެ ކުޅުން ވަރަށް ރަނގަޅު. އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ،" އޭނާ ބުންޏެވެ.
މި މުބާރާތުގައި އަންނަ ބުދަ ދުވަހުގެ ރޭ 9:15 ގައި ސަން ޓީމު ދެން ނުކުންނަން ޖެހޭނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ދެކޮޅަށެވެ. އެ މެޗާއި ބެހޭގޮތުން އައްސަދު ބުނީ، ފުރަތަމަ މެޗުން މޮޅުވުމަށް ފަހު، ދެން ކުޅޭ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ. އަދި އިތުރު މަސައްކަތްތަކެއް ކޮށްގެން ނޫނީ ކުރިއަށް އޮތް މެޗު ކާމިޔާބު ނުކުރެވޭނެ ކަމަށް ވެސް އައްސަދު ބުންޏެވެ.
"އަބަދުވެސް އެއް މެޗަކަށްފަހު، އަނެއް މެޗެއްގައި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ. މި މެޗުން މޮޅުވުމަށްފަހު، ދެން ކުޅެން ޖެހޭ މެޗު އުނދަގޫ ވާނެ. ދެން ކުޅޭ މެޗަށް ނުކުންނަ އިރު، އަބަދު ކުޅޭ އަންހެން ކުދިންތަކަކަށް ނުވާތީ ހަމަ އުނދަގޫތަކެއް ހުންނާނެ. އިތުރު މަސައްކަތްތަކެއް ކޮށްގެން ނޫނީ ކުރިއަށް އޮތް މެޗު ކާމިޔާބުކުރެވޭނެ ހެނެއް ހިއެއް ނުވޭ. އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ،" ސަން ޓީމުގެ ކޯޗު ބުންޏެވެ.
މި މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅޭނެ އެވެ. މިރޭ 9:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އެމްއެންޑީއެފެވެ.