އައްޑޫ ސިޓީގެ ހިތަދޫ މެދު ސަރަހައްދު ނަރުދަމާ ނިޒާމުގެ ނުނިމި އޮތްބައި ނިންމުމަށް 12 މިލިއަން ރުފިޔާ އަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ.

ހިތަދޫ މެދު ސަރަހައްދުގެ ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 30 ޕަސެންޓްގެ މަސައްކަތް ނިންމުމަށް ސަރުކާރުގެ ބަޖެޓުން 12 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ އިރު، އެ މަސަކަތް 240 ދުވަހުގެ ތެރޭ ނިންމަންޖެހޭނެ ކަމަށް އެ އެއްބަސްވުމުގައި ބުނެފައިވެ އެވެ.

"ބާރަ މިލިއަން ރުފިޔާ އަށް ކުރާ މަސައްކަތުގެ ތެރޭ ވެކިއުމް ސްވަރޭޖް ސިސްޓަމް ގޭގެއަށް ގުޅުމާއި ސީއައުޓް ފޯލް އާއި ވެކިއުމް ސްޓޭޝަން ހެދުން ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ ހިތަދޫ މެދު ސަރަހައްދުގެ ނަރުދަމާގެ ނިޒާމު ނުނިމި އޮތުމުން އެ މަސައްކަތް ނިންމާ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ބައިވޯޓާ އިންޓަނޭޝަނަލް ލިމިޓެޑާ އެ މަސައްކަތް ހަވާލުކޮށްފައި އޮތްތާ ތިން އަހަރުވެގެން ދިޔަ އިރު ވެސް އެ ކުންފުނިން އެއްވެސް ގޮތަކަށް މަސައްކަތް ކޮށްފައިނުވާ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.