09 Jun 2014, 15:51
އަންނަ ބުރާސްފަތި ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން އަންނަ ހުރިހާ ޓީމެއްގެ ސެކިއުރިޓީ ބަލަހައްޓާނީ ސަލާމަތީ ބާރުތަކުން ކަމަށް ބްރެޒިލްގެ ސަރުކާރުން ބުނެފި އެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 32 ގައުމު ވާދަކުރެ އެވެ. އެއީ ޔޫރަޕްގެ 13 ގައުމާއި ދެކުނު އެމެރިކާގެ ހަ ގައުމާއި އެފްރިކާގެ ފަސް ގައުމާއި އޭޝިއާގެ ހަތަރު ގައުމު އަދި އުތުރު އެމެރިކާގެ ހަތަރު ގައުމެކެވެ.
ބްރެޒިލް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ، ވޯލްޑް ކަޕް ބޭއްވުމާއި ދެކޮޅަށް ބްރެޒިލްގައި ގިނަ ބަޔަކު މުޒާހާރާ ކުރިއެއް ކަމަކު، މުބާރާތުގައި ވާދަކުރަން އަންނަ ގައުމުތަކުގެ ކުޅުންތެރިންނަށާއި އެ ގައުމުތަކުގެ އޮފިޝަލުންނަށް ބްރެޒިލުން ދެވެން އޮތް އެންމެ ފުރިހަމަ ސެކިއުރިޓީގެ ހިދުމަތް ދޭނެ ކަމަށެވެ. އެގޮތުން މުބާރާތުގައި މިހާރު ބްރެޒިލަށް އައިސްފައިވާ ގައުމުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ދަނީ ވަރަށް ފުރިހަމައަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ބްރެޒިލްގައި ކުރާ މުޒާހަރާތަކާ ގުޅިގެން އެއްވެސް ޓީމަކަށް އޭގެ އަސަރު ނުކުރާނެ ކަމަށެވެ. އަދި ގައުމުތަކުގެ ކުޅުންތެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތަކާ ހަމައަށް މުޒާހަރާގެ ބައިވެރިންނަށް ނާދެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށެން އެންމެ ދެ ދުވަހަށް ވެފައި ވާއިރު، ބްރެޒިލްގެ ގިނަ ރައްޔިތުންތަކެއް މިއަދު ވެސް ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ބްރެޒިލްގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ސައޮ ޕޯލޯގައި މުޒާހަރާ ކުރަމުން އަންނަ ބަސް ޑްރައިވަރުން މަސައްކަތަށް ނުނުކުމެ، މުޒާހަރާގައި ބައިވެރިވަމުން އަންނައިރު އެ މީހުން މުޒާހަރާ ކުރަނީ 12.2 ޕަސެންޓަށް މުސާރަ ބޮޑުކޮށް ދިނުމަށެވެ. އަދި ބްރެޒިލްގެ ސްކޫލްތަކުގެ ޓީޗަރުން ވެސް އަންނަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ.
ބްރެޒިލްގައި މުޒާހަރާ ކުރާ މީހުންގެ ޝަކުވާއަކީ އެ ގައުމުގެ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އިޖުތިމާއީ ޚިދުމަތްތަކަށްވުރެ ބޮޑަށް ކުޅިވަރަށް ހޭދަކުރާ ކަމަށް ބުނެ ކުރާ މުޒާހަރާތަކެވެ.
ސީއެންއެންއަށް ދެއްވި އިޓަވިއުއެއްގައި ބްރެޒިލްގެ ރައީސާ ވިދާޅުވީ، މުބާރާތް ފެށެން އެންމެ ތިން ދުވަހަށް ވެފައި ވާއިރު މުބާރާތައް ހުރަސް އެޅުމަށް ގައުމުގެ ގިނަ ރައްޔިތުންތަކެއް މަގުތަކަށް ނުކުމެ، ކުރާ މުޒާހަރާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.