09 Jun 2014, 15:44
މ. މާފަންނުގޭގައި ހިމެނޭ ދައުލަތުގެ ބިން ހޯދުމަށާއި އެ ބިން ނުވިއްކޭނެ ކަމަށް ކަނޑައަޅައިދިނުމަށް އަދި މާފަންނުއާގޭގައި ހުރި ދައުލަތުގެ ބިން ނުވިއްކޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ބަންޑާރަ ނައިބު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މާފަންނުއާގޭގައި ހުރި ދައުލަތުގެ 12741.75 އަކަފޫޓުގެ ބިން ނުވިއްކޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް މައްސަލަ ހުށަހެޅީ އެ ގެ ވިއްކާލުމަށް ބޭންކް އޮފް ސިލޯނުން އިއުލާނު ކޮށްފައިވާތީ ކަމަށެވެ.
ފެންޓަސީ ސްޓޯރާއި ޕާކިސްތާން ހައުސް ހުންނަ ކޮށީގައި ހުންނަ މާފަންނު ގޭގައި ވެސް ދައުލަތުގެ 9976 އަކަފޫޓޫގެ ބިމެއް ހިމެނެ އެވެ. ނަމަވެސް މިހާތަނަށް އެ ބިން ދައުލަތާ ހަވާލުކޮށްފައި ނުވާ ކަމަށް ދައުލަތުގެ ދައުވާގައި ބުނެފައިވެ އެވެ. އެހެންކަމުން އެ ބިން ވެސް ނުވިއްކޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި އެ ބިން ދައުލަތާ ހަވާލު ކުރަން އަމުރު ކުރުމަށް ދައުލަތުން ދައުވާގައި އެދިފައިވެ އެވެ.
އޭނާ ވިދާޅުވީ އެ ދެ ގޭގައިވާ ދައުލަތުގެ ބިންތައް ނުވިއްކޭނެ ކަމަށް ޝަރީއަތުން ކަނޑައަޅައި ދިނުމަށްފަހު، އެ ދެ ބިން ދައުލަތާ ހަވާލުކުރުމަށް އަމުރެއް ނެރެދިނުމަށް ވެސް އެ މައްސަލައިގައި އެދިފައިވާނެ ކަމަށެވެ.
މާފަންނުއާގެ ވިއްކާލަން ބޭންކް އޮފް ސިލޯނުން އިއުލާން ކުރީ އެމްވީކޭ އިން އެ ބޭންކުން ނަގާފައިވާ ފައިސާ ދައްކާފައިނުވާތީ އެވެ. އެ ލޯނު ނެގިއިރު އެމްވީކޭ އިން ވަނީ އެގެ އެ ބޭންކުގައި ރަހުނުކޮށްފަ އެވެ.
އެމްވީކޭއިން ލޯނަށް ފައިސާ ނުދައްކައިފިނަމަ އެ ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން މީގެކުރިން ކޮށްފައިވާ ހުކުމެއްގައި ވަނީ ދީފަ އެވެ.
އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަން ސިވިލް ކޯޓުގެ އިސް އޮފިޝަލަކު ވެސް ސަން އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މާފަންނުއާގެއިން 12741.75 އަކަފޫޓް ދައުލަތަށް ނަގާފައި ވަނީ 1990ގެ އަހަރުތަކުގެ ތެރޭގަ އެވެ. ބަދަލު ދިނުމަށްފަހު އެ ބިން ދައުލަތަށް ނަގާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއިރު ތީމުގޭގައި ދިރިއުޅުއްވާތީ ތީމުގޭގެ ސަލާމަތީ ސަބަބުތަކައްޓަކަ އެވެ.
ދައުލަތުގެ ބިން ހިމެނޭ ގޮތަށް އެ ގޯތި ރަހުނުކޮށްގެން އެމްވީކޭއިން ލޯނު ނެގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.