ދިވެހި ރާއްޖޭގައި މިނިވަން ވިޔަފާރި ސަރަޙައްދުތައް ކަނޑައެޅުމަށް ޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި"ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް"ގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފި އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވި ބިލްގެ މަގުސަދު ކަމުގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ މިނިވަން ވިޔަފާރި ސަރަޙައްދުތައް ކަނޑައަޅައި އެ ޒޯންތައް ހިންގާނެ ގޮތްތަކާއި އެ ޒޯންތަކުގައި އިންވެސްޓްކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ. އަދި އެ ޒޯންތައް ތަރައްގީކުރާ ޑިވެލޮޕަރުންނާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ދެވޭ އިނާޔަތްތައް ބަޔާންކުރުމަށާއި އެނޫން ވެސް އުސޫލުތައް ކަނޑައެޅުމަކީ ވެސް އެފަދަ ބިލެއް ހުށަހެޅުއްވުމުގެ މަގްސަދު ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި "ސްޕެޝަލް އިކޮނަމިކް ޒޯންގެ ބިލުން ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ދިވެހި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތެރިކަން އިތުރުކުރުމާއި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ޒޯންތަކެއް ކަނޑައެޅުން ހިމެނެ އެވެ. އަދި ދިވެހި ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތައް އިތުރުކުރުމާއި އެ އިންވެސްޓްމެންޓްތައް މެދުވެރިކޮށް ދިވެހި ރާއްޖެ އަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަކީ ވެސް އެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެ އަށް ނަގުލުކުރުވުމާއި ވަޒީފާގެ ފުރުސަތުތައް އުފައްދައި ފުޅާކުރުމާއި އަދި މުދަލާއި ހިދުމަތް އުފެއްދުން އިތުރުކޮށް އާލާކުރުމަކީ ވެސް އެ ގާނޫނުގެ މަގުސަދެއް ކަމަށް ބިލްގައި ބުނެފައިވެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގައި ބުނެފައިވާ ގޮތުން ޒޯންތައް ތަރައްގީ ކުރުމާއި އެ ޒޯންތަކުގައި އިންވެސްޓް ކުރުމާ ގުޅޭ އުސޫލްތައް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވޮލަޕަރުންމާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ މުދަލަށް ދެވޭހިމާޔަތް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވަލޮޕަރުންނާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ އިންޔާތައް އެ ގާނުނުގެ ދަށުން ކަނޑައެޅިގެންދާނެ އެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނަކީ އިިންކުރެވިގެންވާ ނުވަތަ އިންފާހަނގަކުރެވިގެންވާ ވަކި ޖިއޮގްރެފިކް ސަރަހައްދެއްގައި އެއް ޑިވަލޮޕަރެއް މެނޭޖްމެންޓެއްގެ ދަށުން ކަނޑައެޅި ބަޔާންވެގެންވާ އިގްތިސާދީ މަސައްކަތްތަކެއް ކުރާ ނުވަތަ ހިންގާ ނުވަތަ ގާއިމްކުރާ ފަރާތްތަކެކެވެ. އެގޮތުން އެފަދަ ޒޯންތަކަށް ހާއްސަ އިނާޔަތްތަކެއް ލިބިދެވޭ ގޮތަށް އަދި އެ ސަރަހައްދަކީ އިމްޕޯޓް ޑިޔުޓީ އާއި އެކްސްޕޯޓް ޑިިޔުޓީ ދެއްކުމާ ގުޅޭ އުސޫލްތަކަށް ބަލާ އިރު އެފަދަ ޒޯންތަކަކީ ދިވެހި ކަސްޓަމްގެ އާންމު އިހްތިސާސް އިން އެކަހެރިވެގެންވާ ވަކި ކަސްޓަމްސް ސަރަހައްދެއްގެ ގޮތުގައި އިމްތިޒާމް ކުރެވިގެން ހިންގާ ސަރަހައްދުތަކެވެ.

މީގެ އިތުރުން "ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު"ގައި ވިޔފާރި ޒޯންތައް ބެހިގެންދާނެ ގޮތާއި ކަނޑަޅިގެންދާނެ އަދި އެ ޒޯންތަކަށް ލިބެދެވޭނެ ހިމާޔަތާއި ރައްކާތެރިކަން ބަޔާންކޮށްފައިވެ އެވެ. އެގޮތުން އިގްތިސާދީ ސަރަހައްދުތަކުގެ ގޮތުގައި ތަރައްގީ ކުރެވޭ ސަރަހައްދުތަކުގައި ވަސީލަތްތައް ގާއިމުކުރަން ޖެހޭނެ ގޮތާއި އެފަދަ ސަރަހައްދުތަކުން ދެވޭ ހިދުމަތްތައް ދޭންޖެހޭނެ ހަމަތަކާއި ހިދުމަތުގެ ފެންވަރު ހުންނަން ޖެހޭނެ އުސޫލްތައް ވެސް އެ ބިލްގައި ބަޔަންކޮށްފައިވެ އެވެ.