09 Jun 2014, 15:06
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ ވޯލްޑް ކަޕުގައި ވާދަކުރާ އިނގިރޭސި ޓީމުގެ ޒުވާން ކުޅުންތެރިންނާ މެދު ޔުރުގުއާއީ ޓީމު ސަމާލުވާން ޖެހޭނެ ކަމަށް އެ ޓީމުގެ ތަރި ލުއިސް ސުއަރޭޒް ބުނެފި އެވެ.
ސުއަރޭޒް އަށް ކުރިމަތިވި އަނިޔާއާ ގުޅިގެން ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު، އޭނާ އަށް ވަނީ ވޯލްޑް ކަޕުގައި ފުރިހަމަ އަށް ބައިވެރިވެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައެވެ. މި މަހު 19 ވަނަ ދުވަހު ރޯއީ ހޮޖްސަންގެ އިނގިރޭސި ޓީމާ ދެކޮޅަށް ނުކުންނަ އިރު، ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި ދެކޮޅަށް ލިވަޕޫލް އަށް ކުޅެމުންދާ ސުއަރޭޒް ނުކުންނާނެ އެވެ.
"އިނގިރޭސި ޓީމުގައި ތަޖުރިބާހުރި ޒުވާން ކުޅުންތެރިންތަކެއް އެބަތިބި. މިހާރު އެ އޮތީ ކުރިން އެ ޓީމުގައި އޮތް ސްކޮޑެއް ނޫން،" ދަ ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުންޏެވެ. "މިހާރު ތިބި ޒުވާން ކުޅުންތެރިންނަކީ ކާމިޔާބީ ހޯދުމަށް ކެތް މަދުވެފައިވާ ކުޅުންތެރިންތަކެއް. އަހަރެމެން އެ ކުޅުންތެރިންނާ މެދު ސަމާލުވާން ޖެހޭނެ. ނަމަވެސް އިނގިރޭސި ޓީމުގެ ފަހަތުގައި މައްސަލަތަކެއް އެބަހުރި."
އިނގިރޭސި ޓީމުގެ ޑިފެންސް ލައިނުގައި މައްސަލަތަކެއް ހުރި ކަން ސުއަރޭޒް ފާހަގަކުރި އިރު، އޭނާ ވަނީ އެ ޓީމުގެ ލެފްޓް ބެކް ލެއިޓަން ބެއިންސް އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.
"ބެއިންސްގެ ކުޅުން އަހަރެންނަށް ވަރަށް ފާހަގަކޮށްލެވޭ. އެޓޭކިންގް އަށް ވުރެ ޑިފެންސަށް އޭނާ އިސްކަމެއް ދޭ ނަމަވެސް، ޕްރިމިއާ ލީގުގައި އެންމެ ރަނގަޅަށް ވާތު ފައިން ކުޅޭ ކުޅުންތެރިއަކީ ބެއިންސް. އޭނާ އަކީ ފެންވަރު ރަނގަޅު، ތަފާތު ހުނަރުތަކެއް ހުރި ކުޅުންތެރިއެއް،" ސުއަރޭޒް ބުންޏެވެ.
ގްރޫޕް ޑީގައި ޔުރުގުއާއީ ފުރަތަމަ ބައްދަލުކުރާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ. އެސްޓޭޑިއޯ ކަސްޓެލައޯގައި ކުޅޭ މި މެޗަށް ޔުރުގުއާއީ ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އިނގިރޭސިންނާއި އިޓަލީ އެވެ.