ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ކާމިޔާބު ކުރި ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމް އިއްޔެ ބްރެޒިލް އަށް ގޮސްފި އެވެ.

ސްޕެއިން ކުޅުންތެރިން މުބާރާތަށް ކޭމްޕު ކުރާނީ ބްރެޒިލްގެ ދެކުނުގެ ސިޓީއެއްކަމަށްވާ ކުރިޗީބާގައެވެ.

ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން ޕްރެކްޓިސްތަކުގައި ބޭނުންކުރާނީ ބްރެޒިލްގެ ކްލަބެއް ކަމަށްވާ އެތުލެޓިކޯ ޕްރނައީސް ގެ ސާމާނެވެ.

މީގެ ހަތަރު އަހަރުކުރިން ވޯލްޑްކަޕަށް ސްޕެއިން ޓީމު ދެކުނު އެފްރިކާއަށް ދިޔައިރު ބެނާތަކާއި ދިދަތަކުން އެޓީމަށް ވަނީ ވަރަށްހޫނު މަރުހަބާއެއް ކިޔާފައެވެ. އެހެން ނަމަވެސް މިފަހަރު ކުޗިބާއަށް ދިޔައިރު އެކަހަލަ އެއްވެސް ކަމެއް ނެތެވެ.

އަންނަ ހުކުރުދުވަހު ސަލްވަޑޯގައި ސްޕެއިން ނުކުންނާނީ އެންމެ ފަހުގެ ރަނަރަޕް ނެދަލެންޑްސްއާ ދެކޮޅަށެވެ. ގުރޫޕް ބީ ގައި މިދެޓީމުގެ އިތުރުން ހިމެނެނީ ޗިލީއާއި އޮސްޓްރޭލިއާ އެވެ.