09 Jun 2014, 14:39
ސިއްހީ ފަރުވާ ދިނުމުގެ ކަންތައް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދެމުން ގެންދާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމަށް ޓަކައި މަޖިލީހަށް ހުށަހެޅި "މެޑިކަލް ޑިވައިސަސްއާބެހޭ ބިލް"ގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފި އެވެ.
މެޑިކަލް ޑިވައިސަސްއާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުއްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދެވެ.
ސިއްހީ ފަރުވާ ދިނުމުގެ ކަންތައް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދެމުން ގެންދާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމަށް ޓަކައި މަޖިލީހަށް ބިލެއް ހުށަހެޅުއްވި ސަބަބެއް ކަމަށް ބިލުގައި ބަޔާންކޮށްފައި ވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސިއްހީ ފަރުވާ ދިނުމުގެ ކަންތައް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދެމުން ގެންދާތީ، އެ ހިދުމަތް ދިނުމުގައި ބޭނުންކުރެވޭ މެޝިނަރީ އާލާތްތަކަކީ އެކަމަށް އެކަށޭނަ ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދޭ، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ސާމާނުތޯ ބަލާ ޗެކް ކުރުން ކަމަށެވެ.
އޭގެ އިތުރުން އެފަދަ ތަކެތިން ދިމާވާ މައްސަލަތައް ކުޑަކުރުމަށާއި ތަކެތީގެ ފެންވަރު ބެލެވޭ ނިޒާމެއް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިކަންކަން ހިންގައި ބެލެހެއްޓުން ވެސް އެ ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.
މެޑިކަލް ޑިވައިސަސްއާ ބެހޭ ބިލްގައިވާ ގޮތުގެ މަތިން މެޑިކަލް ޑިވައިސްގެ ފެންވަރާއި ރައްކާތެރިކަން ދެމެހެއްޓުމާ އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ އަސާސީ ޒިންމާ އުފުލަން ޖެހޭނީ ހެލްތު މިނިސްޓަރެވެ.
އޭގެ އިތުރުން، އެ ގާނޫނުން ހެލްތު މިނިސްޓަރާ ހަވާލުކުރެވޭ ބާރެއް ނުވަތަ ގާނޫނުގައި މަސްއޫލިއްޔަތެއް އަދާކުރުމަށް ބޭނުންވާ ބާރެއް އަދި ފުރިހަމަ ގޮތުގައި މަސްއޫލިއްޔަތު އަދާކުރުމަށް މަގު ފަހިކޮށްދޭ އެންމެހާ ބާރުތައް ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަަށް ލިބިގެންވެ އެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މެޑިކަލް ޑިވައިސްގެ ފެންވަރާއި ރައްކާތެރިކަން ރެގިއުލޭޓްކޮށް ދެމެހެއްޓުމަށް ޓަކައި އޮތޯރިޓީއެއް ގާއިމްކުރަން ޖެހެ އެވެ. އަދި އެ އޮތޯރިޓީގެ އެންމެ އިސްވެރިއަކަށް ވާނީ ޑިރެކްޓަރު ޖެނެރަލް ކަމަށާއި އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މެޑިކަލް ޑިވައިސްގެ ފެންވަރާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަށް "ނެޝަނަލް މެޑިކަލް ޑިވައިސް ބޯޑް"ގެ ނަމުގައި ބޯޑެއް ވެސް އުފައްދަން ޖެހޭ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ބިލުގައި، މެޑިކަލް ޑިވައިސް ކޮންޓްރޯލް ކުރުމުގެ ނިޒާމުގެ ތެރެއިން އެފަދަ އާލާތްތައް އިމްޕޯޓް ކުރުމުގެ ލައިންސަންސާއި އެކްސްޕޯޓް ކުރުމުގެ އިތުރުން އެފަދަ އާލާތްތައް ބާޒާރަށް ނެރުމުގެ ހުއްދަ އާއި ޑިސްޓްރިބިއުޓް ކުރުމާއި ވިއްކުމުގެ ހުއްދަތައް ދެވޭނެ އުސޫލުތައް ކަނޑައަޅާ ބަޔާންކޮށްފައިވެ އެވެ.