އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޑުޖައްސާލަން އަންގާފައިވާ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ މަޝްރޫއު އަކީ "ހުއްޓިފައި" އޮތް ޕްރޮޖެކްޓެއް ނޫން ކަމަށާއި އެކަމާ ގުޅޭ ދިރާސާތައް މިހާރު ވެސް ކުރަމުންދާ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފި އެވެ.


ކޮންޓްރޯލާ ފޯ އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ސްޓޭޓް މިނިސްޓަރު އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ، އޮކްޓޯބަރު 17، 2009 ގައި މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާ ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ، އެ އެއްބަސްވުމާ ގުޅޭ ގޮތުން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލަ ބަލައި ނިންމައި، ވަކި ގޮތެއް އެންގެވުމުން ކަމަށެވެ.


ނަމަވެސް، އެ ސިސްޓަމް ގާއިމްކުރުމަށް ވާން ޖެހޭ ތައްޔާރީތަކާ ގުޅޭ ދިރާސާތައް މިހާރު ވެސް ކުރަމުންދާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެ ތެރޭގެ ބަނދަރުތަކުގައި އާއި އެހިނިހެން ތަންތަނުގައި އެ ސިސްޓަމް ގާއިމްކުރާއިރު އިމިގްރޭޝަނާއި ކަމާ ބެހޭ މުއައްސަސާތަކާ ދެމެދު އޮންނަ ގުޅުމާއި، އެ މުއައްސަސާތަކަށް އިމިގްރޭޝަނުން ދެވޭނެ ޚިދުމަތްތަކާ ގުޅޭ ދިރާސާތައް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވި އެވެ.


"އެހެންވީމަ، އެއީ ހަމަ ކުރިއަށް އޮތް ޕްރޮޖެކްޓެއް އިރާދަކުރެއްވިއްޔާ. 2011 ގައި މި ޚިދުމަތްތައް އަޅުގަނޑުމެންނަށް އިމިގްރޭޝަނަށް ލިބޭނެ،" އިލްޔާސް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ، އޭސީސީން ވަކި ގޮތެއް އެންގިހާ އަވަހަކަށް އަމަލީ މަސައްކަތް ފަށައިގަންނާނެ ކަމަށެވެ.


ނަމަވެސް، އޭސީސީން އެ މަޝްރޫއު ހުއްޓާލައި، ނެކްބިޒްއާ އެކު ހަދާފައިވާ އެގްރިމެންޓް އުވާލުމަށް އަންގައިފި ނަމަ ކިހިނެތްތޯ ހައްދަވާނީ ދެންނެވުމުން އިލްޔާސް ވިދާޅުވީ، "އެހެން ނުދަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް" ކަމަށެވެ.


"ގޯހެއް އޮވެގެން ނުންތޯ އެބޭފުޅުން ވެސް އެއްޗެކޭ ވިދާޅުވާނީ. މިހާރު ގާތްގަނޑަކަށް ދެ މަސްވީ ހަމަ އެބޭފުޅުންނަށް މިކަމުގައި އުޅޭތާ ވެސް. މިއަށް އެބޭފުޅުންނަށް ގޯހެއް ފެނުނު ނަމަ މިހާރު ވިދާޅުވެފައި ނުންތޯ އޮންނާނީ، މިހެން ބަލާކަށް ނުތިބޭނެ ނުންތޯ އެތައް އެތައް މިލިއަން ޑޮލަރުން ވިޔަފާރިކުރާ ބޮޑު ކުންފުންޏަކާ އެކީގައި ހިނގަމުންދާ މަސައްކަތެއްގައި. އެހެން މަޑަކުން ނުތިއްބަވާނެ މީގައި ނާޖާއިޒު ކަންތައްތަކެއް ހުރި ނަމަ،" ސްޓޭޓް މިނިސްޓާ އިލްޔާސް ވިދާޅުވި އެވެ.


އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ، އޭސީސީން މައްސަލައެއް ބަލަން ފަށާއިރު އެކަން "ގޯހޭ ނޫނީ ގޯހެއް ނޫނޭ" ވަގުތުން ނުބުނާނެ ކަމަށާއި މައްސަލަ ރަނގަޅަށް ބަލައި ތަހުގީގުކުރުމަށް ފަހު ނޫނީ ވަކި ގޮތެއް ނުނިންމާނެ ކަމަށެވެ.


އަދި އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓްގެ ދިރާސާ މަސައްކަތްތައް ކުރިއަށް އެ ގެންދަނީ "އެއްވެސް މައްސައްކަތެއް ކުރިއަށް ނުގެންދިއުމަށް" އަންގާފައި ވަނިކޮށް ކަމަށާއި އެ މަސައްކަތްތަކަކީ އޭސީސީގެ އެންގުމާ ޚިލާފަށް ކުރާ ކަންތައްތައް ކަމުގައި މާނަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ލުތުފީ ވިދާޅުވީ، ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގެ ޕްރިލިމިނަރީ އިންވެސްޓިގޭޝަން މިހާރު ނިމިފައިވާ ކަމަށާއި އެ ރިޕޯޓު ދިރާސާކުރުމަށް ފަހު މި ފެށޭ ހަފްތާގެ އޭސީސީގެ ނިންމުން އަންގާނެ ކަމަށެވެ.


މިއަހަރު ތެރޭ ގާއިމްކޮށް ނިންމާ ގޮތަށް ހަމަޖައްސާފައިވާ ގާތްގަނޑަކަށް 510 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސިޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި އިމިގްރޭޝަނާ ނެކްބިޒްއާ ދެމެދު ސޮއިކުރީ އެ އެއްބަސްވުމުގައި ސޮއިނުކުރުމަށް އޭސީސީން އަންގާފައި ވަނިކޮށެވެ. އޭސީސީން ބުނަނީ، އެ މަޝްރޫއާގުޅޭ "ސީރިއަސް" މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.