ކުރީގެ ބާއިންޖީނުގޭ ސަރަހައްދުގައި ހުންނަ ސިޓީ ޕާކާއި މަޖީދީމަގު ފަހާމަސް ކައިރީ ހުންނަ ފިނި ޕާކް ސިޓީ ކައުންސިލްގެ ދަށުން ވަކިކޮށް ސަރުކާރަށް ނަގައިފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެތަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ވަކިކޮށް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުން އެގޮތަށް ފާސްކުރުމުން ކަމަށެވެ.

ކުރީގެ ބާއިންޖީނުގޭ ސަރަހައްދުގައި ހުންނަ ސިޓީ ޕާކް-- ސަން ފޮޓޯ: އަހްމަދު އާޒިފް


އެ ބަޔާނުގައި ބުނެފައި ވަނީ އެ ދެ ތަން މިނިސްޓްރީގެ ދަށަށް ނަގާފައި ވަނީ އެ ބިންތައް ހަވާލުކުރި އެއްބަސްވުމާ މާލޭ ސިޓީ ކައުންސިލުން ޚިލާފުވެފައި ވާތީ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން އުސޫލާ ޚިލާފުވެފައި ވަނީ ކޮން ގޮތަކުން ކަމެއް އެ ބަޔާނުން ސާފެއް ނުވެ އެވެ.

އެ ދެ ތަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ "ލޯކަލް ކައުންސިލް ތަކުގެ އިހުތިސާސް ހިންގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތަށް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދު"ގެ ދަށުން ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފަހާމާސް ކައިރީ ހުންނަ ފިނި ޕާކް -- ސަން ފޮޓޯ: އަހްމަދު ޝަރުވާން


އެ ބަޔާނުގައި ބުނެފައި ވަނީ މީގެފަހުން އެ ބިންތަކާ ގުޅޭ ގޮތުން ހުރިހާ މުއާމަލާތެއް ކުރަންވާނީ އެ މިނިސްޓްރީއާއި އެކުގައި ކަމަށެވެ. އަދި އެ ބިންތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް މުއާމަލާތެއް ކޮށްފައި ވާނަމަ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ މުއާމަލާތްތަކާ ބެހޭ ހުރިހާ މައުލޫމާތެއް އެ މިނިސްޓްރީ އަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

އެ ދެ ތަން ސަރުކާރަށް ނަގާފައިވާއިރު، އޭގެތެރެއިން ސިޓީ ޕާކުގައި ޑައިންމޯ ރެސްޓޯރަންޓަކާއި އެކްރަޕޯލްގެ ނަމުގައި އަމިއްލަ ފަރާތަކުން އަންނަނީ ރެސްޓޯރަންޓެއް ހިންގަމުންނެވެ. އަދި ފިނި ޕާކްގައި ވެސް އަމިއްލަ ފަރާތަކުން އަންނަނީ ރެސްޓޯރަންޓެއް ހިންގަމުންނެވެ.