ޖުމްލަ 14 ޓީމާ އެކު، އެމްއެންޑީއެފް އިންޓަ ޔުނިޓް 16 ވަނަ ވޮލީ ބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ.

މާލޭ ކުޅިވަރު އެކުވެނި އައުޓް ޑޯ ކޯޓްގައި އިއްޔެ ފެށި މުބާރަތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ޓީމެވެ. މެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ އެސްޕީޖީގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުން ތެރިޔާގެ މަގާމު ހޯދީ އެސްޕީޖީ ޓީމުގެ ޝިއުނާޒް އަބްދުލްވާހިދެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ޖުމްލަ 14 ޓީމެއް ވާދަކުރާ އިރު މުބާރާތް ކުރިއަށް ދަނީ ދެ ޑިވިޒަނަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑިވިޒަންގައި ހަ ޓީމް އަދި ދެވަނަ ޑިވިޒަންގައި އަށް ޓީމެއް ވާދަކުރެ އެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޒަންގެ ފުރަތަމަ ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. އެންމެ ގިނަ ޓީމް ވާދަކުރާ ދެވަނަ ޑިވިޒަން މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ލީގު އުސޫލުން ކުޅެ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ދެވަނައަށްދާ ޓީމް ސެމީ ފައިނަލަށް ދާ އުސޫލުންނެވެ.