09 Jun 2014, 14:12
ކަސްޓަމްސްގެ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓުސް(ޔޫއޭއީ) އާއި ރާއްޖޭގެ ކަސްޓަމްސްއާ ދެމެދު ސޮއިކޮށްފި އެވެ.
ޔޫއޭއީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިން ޑިރެކްޓާ ޖެނެރަލް އޮފް ފެޑެރަލް ކަސްޓަމްސް އޮތޯރިޓީ(އެފްސީއޭ) ހާލިދު އަލީ ބުސްތާނީ އެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު އެވެ.
އަބޫދާބީ ސިޓީ ގައިޑްގައި ބުނެފައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން އެދެ ގައުމުގެ ކަސްޓަމްސްގެ ދެމެދުގައި ދިމާވާ ކަންކަން ހިއްސާކުރުމާއި ޓްރެނިއިންތައް ހިންގުން ފަދަ ޕްރޮގްރާމްތައް ހިންގާނެ އެވެ.
އެ އެއްބަސްވުމާ ގުޅޭ ގޮތުން އެކްޓިން ޑިރެކްޓާ ޖެނެރަލް އޮފް ފެޑެރަލް ކަސްޓަމުސް އޮތޯރިޓީ(އެފްސީއޭ) ހާލިދު އަލީ ބުސްތާނީ ވިދާޅުވެފައި ވަނީ އެ އެގްރިމެންޓަކީ ޔޫއޭއީގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއްބައި ކަމަށާއި އެ އެއްބަސްވުމުގައި ކުރަން ހުރި ކަންކަން ކުރުމަށް ޔޫއޭއީ ކަސްޓަމުސް އިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ކަސްޓަމްސްގެ ދާއިރާ އިން ތަޖުރިބާ ބަދަލުކޮށް ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.