ތައިލެންޑްގެ ބެންކޮކްގައި ބޭއްވި "ލަގޫނާ ޕުކެޓް އިންޓަރނޭޝަނަލް މެރަތަން"ގައި ރާއްޖެ ތަމްސީލުކޮށް ދިވެހި ސިފައިން ރަންވަނަތަކެއް ހޯދައިފި އެވެ.

ބެންކޮކްގެ ރިސޯޓެއް ކަމުގައިވާ ޕުކެޓްގައި އިއްޔެ ބޭއްވި ހާފް މެރަތަންގައި ސިފައިންގެ ސާޖަންޓް އަހުމަދު ރިޒާ ވަނީ 30 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރު ފުރައިން ދެ ވަނަ އަދި މުޅި ރޭހުން ވެސް ދެވަނަ ހޯއްދަވާފަ އެވެ. އަދި އޭނާ ރޭސް ނިންމާފައި ވަނީ 01:19:05 (އެއްގަޑި އިރު، ނަވާރަ މިނެޓް، ފަސް ސިކުންތު) އެވެ. މިއީ ހާފް މެރަންތަންގައި ރާއްޖޭގެ ގައުމީ ރެކޯޑެކެވެ. ހާފްމެރަތަންގެ ކުރީގެ ގައުމީ ރެކޯޑަކީ 01:19:23 (އެއްގަޑި އިރު، ނަވާރަ މިނެޓް، ތޭވީސްް ސިކުންތު) އެވެ.

ހާފް މެރެތަން ރޭހުގައި ޖުމްލަ 768 ބައިވެރިން ވާދަކޮށްފައިވެ އެވެ. މި ރޭހުގައި ތައިލެންޑް، ކެންޔާ، އިގިރޭސިވިލާތް، މެލޭޝިއާ، ފަރަންސޭސިވިލާތް، އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ، އިޓަލީ، ޗައިނާ، ނިއުޒީލެންޑް، ސިންގަޕޯ ރަޝިއާ، އަޔަރލެންޑް، ކެނެޑާ، ސްވިޑްން، އިންޑިއާ، އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކުގެ ދުވުންތެރިން ބައިވެރިވެފައިވެ އެވެ.

މީގެ އިތުރުން މި މުބާރާތުގެ 16 އަހަރާއި 29 އަހަރާއި ދެމެދުގެ އުމުރުފުރައިން ސިފައިންގެ ކޯޕްރަލް މުހައްމަދު ރަޝީދު ވަނީ ތިން ވަނަ ހޯއްދަވާފަ އެވެ. އޭނާ ރޭސް ނިންމާފައި ވަނީ 01:23:05 (އެއްގަޑި އިރު، ތޭވީސް މިނެޓް، ފަސް ސިކުންތު)އެވެ. މިމުބާރާތުގައި ރާއްޖެއިން ބައިވެރިވި ޓީމްގެ މެނޭޖަރު ނަޞްރުﷲ އަޙްމަދު ވަނީ ފުލް މެރަތަންގައި ބައިވެރިވެ ރޭސް ނިންމާފަ އެވެ.

މިއީ ރާއްޖެ އިން މިމުބާރާތުގައި ބައިވެރިވި ދެވަނަ ފަހަރެވެ. މިމުބާރާތުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރުގައި 16 އަހަރާއި 29 އަހާރާ ދެމެދުގެ އުމުރުފުރަ އިން ވަނީ ތިން ވަނަ ހޯދައިފަ އެވެ.