އެމެރިކާގެ އޮހާޔޯ ސްޓޭޓްގައި ހުންނަ ޔުނިވަރސިޓީ އޮފް އެކްރޮން ގައި ތަޅައިގެން ނުދާ ފަދަ ޓަޗް ސްކްރީން އެއް އުފައްދައިފި އެވެ.

އެކްރޮން ޔުނިވަރސިޓީއިން ބުނިގޮތުގައި މި އައު ޓެކްނޮލޮޖީގައި ވަނީ ޕޮލިމަރ ސާފަސްއެއްގެ މަތީގައި ލެވިފައިވާ ޓްރާންސްޕޭރަންޓް އިލެކްޓްރޯޑް ތަކެކެވެ.

މި ޓެކޮނޮލޮޖީ ޓެސްޓް ކުރުމަށްފަހު އިލްކްޓްރޯޑްތައް ލާފައިވާ ޕޮލިމަރ ސާފަސް 1000 ފަހަރު ލަންބާލުމަށްފަހުވެސް އޭގެ ކޮންޑަކްޓިވިޓީއަށް ބަދަލުނާންނަ ކަމަށް އެކްރޮން ޔުނިވަރސިޓީއިން ވަނީ ބުނެފައެވެ.

މި ޓެކްނޮލޮޖީ އިން އުފައްދާ ޓަޗްސްކްރީންތައް އާދަޔާ ހިލާފަށް ވަރުގަދަވެފައި، ހަލާކުވުން ކުޑަ ވާނެއެވެ. އަދި އެއްފަހަރާ ގިނަ އަދަދަކަށް އަގުހެޔޮކޮށް އުފެއްދޭ މި ޓެކްނޮލޮޖީއަކީ ވަރަށް އުއްމީދީ ޓެކްނޮލޮޖީއެއް ކަމަށް އިންޑަސްޓްރީގެ މާހިރުން ދަނީ ބުނަމުންނެވެ.

އަދުގެ ޓަޗްސްކްރީން ޑިވައިސްތަކުގައި ބޭނުންކުރަމުން އަންނަނީ އިންޑިއަމް ޓިން އޮކްސައިޑް (އައިޓީއޯ) ކިޔާ މާއްދާއެކެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި އައިޓީއޯ އަށް ވުރެ މި އައު އިލެކްޓްރޯޑް ޓެކްނޮލޮޖީ އުފައްދަން އަގުހެޔޮވާނެއެވެ. އައިޓީއޯ އުފައްދަން ބޭނުންކުރާ އިންޑިއަމް އަކީ ހޯދަން އުނދަގޫ އަދި އަގުބޮޑު މާއްދާއެކެވެ.

ޔުނިވަރސިޓީ އޮފް އެކްރޮން ގައި ޕޮލިމަރ ސައިންސްގެ އެސިސްޓަންޓް ޕްރޮފެސަރއެއް ކަމަށްވާ ޑޮކްޓަރ ޔޫ ޒޫ ބުނިގޮތުގައި ކުރިއަށް އޮތްތާންގައި އެމީހުންގެ އިލެކްޓްރޯޑް ޓެކްނޮލޮޖީ ފައްކާކޮށް، މާކެޓްކޮށް ކުރިއެރުވުން ވަރަށް މުހިއްމެވެ.

“އަހަރަމެން ދެކޭ ގޮތުގައި މި އިލްކްޓްރޯޑް ޓެކްނޮލަޖީ ވެގެންދާނީ އައިޓީއޯ އާ ވާދަކުރާނެ އެއްޗަކަށް. މި ފްލެކްސިބަލް ޓަޗް ސްކްރީން އާ އެކު ފޯނު ތަޅައިން ދިއުމުގެ އުދަގުލަށް ދާއިމީ ހައްލެއް އަންނާނެ،” ޑޮކްޓަރ ޒޫ ޔޫ ބުންޏެވެ.

އަދުގެ ޓަޗްސްކްރީން ތަކުގައި ކޫރު ނޭޅުނުކަމުގައި ވިއަސް، ފޯނު ފަދަ އެއްޗެތީގެ ސްކްރީންއަކީ ވެއްޓި ޖެހޭ ގޮތަކުން ވަރަށް ފަސޭހައިން ތަޅާއިގެން ދާ ތަކެއްޗެވެ. މަގުމަތީހުރެ ދަބަހުން އެއްޗެއް ނަގަން އުޅުމުގެ ތެރޭގައި ޕޭވްމަންޓް މައްޗަށް ފޯނު ވެއްޓި ސްކްރީން ތަޅައިގެން ދިޔަ ވާހަކަ އަކީ އަހަރަމެންގެ ގިނަ ބަޔަކު ކޮނެމްވެސް ރައްޓެއްސެއްގެ ގާތުން އަޑުއަހާފައިވާ ވާހަކައެކެވެ.

ސްކްރީން އަކީ އުފައްދަން އަގުބޮޑު އެއްޗެއް ކަމުން ވަރުގަދަ އަދި އަގުހެޔޮ ސްކްރީން އެއް އުފައްދޭ ޓެކްނޮލޮޖީއެއް ބާޒާރަށް ނުކުތުމަކީ ފޯނު ގަންނަފަރާތްތަކަށް، ނުވަތަ އާއްމުންނަށް ރަނގަޅު ހަބަރަކަށް ނޫނީ ނުވާނެއެވެ.