09 Jun 2014, 13:23
ވޯލްޑް ކަޕް ބާއްވާ ބްރެޒިލް އަށް އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން އިހްތިރާމު ކުރާ ކަމަށް ރެއާލް މެޑްރިޑްގެ ބްރެޒިލް ޑިފެންޑަރު މާސެލޯ ބުނެފި އެވެ.
ސްޕެއިން ބަލިކޮށް އަމިއްލަ ގައުމުގައި މިދިޔަ އަހަރު ބޭއްވި ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށް ދިނުމަށް އެހީތެރިވި މާސެލޯ ބުނީ، އެ މުބާރާތުން ފެނުނީ ސްޕެއިން އިހްތިރާމް ކުރި މަންޒަރު ކަމަށެވެ.
"ސްޕެއިނުން އަބަދުވެސް ބްރެޒިލް ޓީމަށް އިހްތިރާމު ކުރޭ. ކޮންފެޑެރާޝަންސް ކަޕުގެ ފައިނަލަށް ފަހު، އިކާ ކަސިޔަސް އަހަރެން ކައިރީ އެމީހުން ބްރެޒިލްއަށް އިހްތިރާމްކުރާ ސަބަބު ބުނެދިން. އެއީ މޮޅު ކުޅުމެއް ދެއްކުމުން ކުރާ އިހްތިރާމެއް ކަމުގައި ކަސިޔަސް ބުނި،" މާސެލޯ ބުންޏެވެ. "އަހަރެން ކުޅެނީ ބްރެޒިލް އަށް. ޕްރެޝަރު އިތުރުވި ނަމަވެސް، ލިބޭ ހަދިޔާ ބޮޑުވާނެ."
ވޯލްޑް ކަޕަށް އޮތް ޕްރެޝަރާއެކު ބްރެޒިލް ޓީމު އެކުލަވާލުމަށް މަސައްކަތްކުރާ ކޯޗު ލުއިޒް ފެލިއްޕޭ ސްކޮލާރީ އަށް ވެސް މާސެލޯ ތައުރީފްކޮށްފައި ވެއެވެ.
"ސްކޮލާރީ އަކީ ވަރަށް ތެދުވެރި، އޯގާތެރި، ކުޅުންތެރިން ވަރަށް ރަނގަޅަށް ގެންގުޅެން އެނގޭ ކޯޗެއް. އޭގެ އިތުރުން އޭނާއަކީ ކާމިޔާބުކަމަށް ލޯބިކުރާ ކޯޗެއް. އަދި އެސިސްޓަންޓް ކޯޗާ ވެސް ގުޅިގެން އެމީހުން ކުރިއަށް ގެންދަނީ ވަރަށް މުހިންމު މަސައްކަތެއް،" މާސެލޯ ބުންޏެވެ.
މުބާރާތް ހުޅުވުމަށްޓަކައި ސައޮ ޕޯލޯގައި ކުޅޭ ފުރަތަމަ މެޗަށް ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 1:00ގައެވެ.