ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ފަޅިން ވާދަކުރާ ފްރާންސް، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ޖެމެއިކާއާ ދެކޮޅަށް ރޭ ކުޅުނުު ރަހުމަތް ތެރި ކަމުގެ މެޗް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފި އެވެ.

ފްރާންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 8-0 ލަނޑުން ފްރާންސް ކުރިހޯދައިގެންނެވެ.

ރޭގެ މެޗުގައި ފްރާންސްގެ ކަރިމް ބެންޒެމާއާއި މަޓުއުޑީއާއި ޑިގްރިޒްމަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ ޒުވާން މިޑްފިލްޑަރު ޔޯހަން ކަބާއޭއާއި ގިރޯޑްއެވެ.

ރޭގެ މެޗަށްފަހު ފްރާންސްގެ ކޯޗް ޑިޑިއާ ބުނީ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ފްރާންސުން މިހާތަނަށް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗްތަކުގައި ރަނގަޅު ކާމިޔާބީއެއް ދެއްކިފައި ވާ ކަމަށެވެ. އަދި ޓީމުގައި ތިބި ކުޅުންތެރިންނާ މެދު ހިތް ހަމަޖެހޭ ކަމަށް ވެސް ކޯޗް ޑިޑިއާ ބުންޏެވެ.

މިފަހަރުގެ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ފްރާންސް ވަނީ މީގެ ކުރިން ވެސް ރަހުމަތްތެރި ކަމުގެ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުން 4-0 ލަނޑުން މޮޅުވިއިރު، ޕެރެގުއޭއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ލައްވައިލީ ގްރޫޕް އީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އިކުއެޑޯއާއި ސްވިޒަލޭންޑް އަދި ހޮންޑިއުރާސް އެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި ފްރާންސް މި މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ހޮންޑިއުރާސްއާ ދެކޮޅަށެވެ.