އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ވޯލްޑް ކަޕު ފުރަތަމަ މެޗުގެ ޓިކެޓްތަކުގެ ތެރެއިން ސަޕޯޓަރުންނަށް ދެ ބައިކުޅަ އެއްބައި ޓިކެޓް ވިއްކަން ފީފާއިން ނިންމައިފި އެވެ.

މުބާރާތް ހުޅުވާ މެޗުގައި ބްރެޒިލާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގެ ޓިކެޓްތަކުގެ ބޮޑު ބައި ރިޒާވް ކޮށްފައި ވަނީ ކޮމާޝަލް ޕާޓްނަރުންނަށާއި، ބްރޯޑްކާސްޓަރުންނަށާއި، ލޯކަލް އޯގަނައިޒަރުންނާއި އަދި ހޮސްޕިޓާލިޓީ ޕްރޮގްރާމްތަކަށެވެ.

ފީފާ އިން އިއްޔެ ބުނީ، ސައޮ ޕޯލޯގައި ކުޅޭ ފުރަތަމަ މެޗުގެ 61،000 ޓިކެޓްގެ ތެރެއިން އާންމުންނަށް ވިއްކާނީ 25،636 ޓިކެޓް ކަމަށެވެ. އެ ޓިކެޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 10،000 ޓިކެޓަކީ ޕްރޮމޯޝަނަލް ހަރަކާތްތަކުން ސަޕޯޓަރުންނަށް ދޭ ޓިކެޓްތަކެކެވެ.

ފުޓްބޯޅައިގެ މައި އިދާރާއިން ބުނެފައި ވަނީ، 1500 ޓިކެޓެއް ވީއައިޕީ އަށް ހާއްސަކުރެވޭނެ ކަމަށާއި ހަމަ އެދަދަށް ނޫސްވެރިންނަށް ވެސް ޓިކްޓް ދޫކުރެވޭނެ ކަމަށެވެ.

ޓިކެޓްތަކުގެ ތެރެއިން 13،700 ޓިކެޓެއް ހޮސްޕިޓާލިޓީ ޕްރޮގްރާމްތަކަށް ހާއްސަކޮށްފައި ވާއިރު، ކުންފުނިތަކަށާއި ބްރޯޑްކާސްޓަރުންނަށް ހާއްސަކޮށްފައިވާ 12،600 ޓިކެޓްގެ 85 އިންސައްތަ ސަޕޯޓަރުންނާއި ޕާޓްނަރުންނަށް ދޭ ގޮތަށް ހަމަޖެހިފައި ވެއެވެ. އެސޯސިއޭޝަން މެންބަރުން ހިމެނޭ ގޮތަށް ލޯކަލް އޯގަނައިޒަރުންނާއި ފުޓްބޯޅަ ކޮމިއުނިޓީ އަށް ދޫކުރަން ހަމަޖެހިފައިވަނީ 6،600 ޓިކެޓެވެ.

ފީފާ އިން ބުނީ، މުބާރާތް ހުޅުވާ މެޗު ކުޅުމަށް ހަމަޖެހިފައިވާ ސައޮ ޕޯލޯ ސްޓޭޑިއަމްގައި 68،000 މީހުންގެ ޖާގަ އޮތް ނަމަވެސް، ގޮނޑީގެ އަދަދު މަދުކުރަން ޖެހުނީ ނޫސްވެރިންނާއި ބްރޯޑްކާސްޓަރުންގެ 34 ކެމެރާ ބަހައްޓަން ޖެހުމުން ކަމަށެވެ.

ވޯލްޑް ކަޕަށް ބްރެޒިލްގެ ސްޓޭޑިއަމްތައް ތައްޔާރުކުރަމުން ދިޔަ އިރު، އެންމެ ބޮޑު މައްސަލަތަކެއް ކުރިމަތިވި ސްޓޭޑިއަމް އަކީ ސައޮ ޕޯލޯ ސްޓޭޑިއަމް އެވެ. ސައޮ ޕޯލޯ ސްޓޭޑިއަމް ތައްޔާރު ކުރަމުން ދަނިކޮށް، މިދިޔަ އަހަރު ދިމާވި ހާދިސާއެއްގައި ސްޓޭޑިއަމްގައި މަސައްކަތް ކުރަމުންދިޔަ ދެ މުވައްޒަފަކު ވެސް ވަނީ މަރުވެފައެވެ.