އަންނަ ބުރާސްފަތި ދުވަހު ބްރެޒިލް ގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ބްރެޒިލް އާއި ޖަރުމަނަކީ އެއްފެންވަރެއްގެ ދެޓީމް ކަމަށާއި ފައިނަލުގައި ކުޅޭނެ ކަމަށް ލަފާ ކުރެވެނީ ވެސް އެދެޓީމު ކަމަށް ބްރެޒިލްގެ ކުރީގެ ކެޕްޓަން ކަފޫ ބުނެފި އެވެ.

އުމުރުން 44 އަހަރުގެ ކަފޫ ބުނީ، މުބާރާތުގައި ބަލި އެއްވެސް ޓީމެއް ވާދަ ނުކުރާނެ ކަމަށާއި ނަމަވެސް ފާހަގަ ކޮށްލެވޭ ދެޓީމަކީ މުބާރާތުގެ ގްރޫޕް އޭފަޅިން ވާދަކުރާ ބްރެޒިލް އާއި ގްރޫޕް ޖީ ފަޅިން ވާދަކުރާ ޖަރުމަން ކަމަށެވެ.

"ބްރެޒިލްއަކީ ބަލި ޓީމެއް ނޫން. ބްރެޒިލް އާއި ދެކޮޅަށް ފައިނަލުގައި ޖަރުމަން ކުޅޭނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ. މިއީ ހަމަ އެއްފެންވަރެއްގެ ދެޓީމް." ކަޕޫ ބުންޏެވެ.

ކަފޫ ބުނީ، ޖަރުމަންގައި މިހާރު ތިބި ކުޅުންތެރިންނަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ޖަރުމަނުގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ބްރެޒިލް ކުރި ހޯދި މެޗުގައި ކުޅުނު ކުޅުންތެރިންނެއް ނޫން ކަމަށާއި މިހާރު ޖަރުމަނުގައި ތިބި ކުޅުންތެރިންނަކީ މޮޅެތި ކުޅުންތެރިން ތަކެއް ކަމަށެވެ. އަދި ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ބްރެޒިލް ކުޅެން ޖެހިއްޖެ ނަމަ މުބާރާތުގެ ތަށި ހޯދުމަށް ބްރެޒިލްގެ ކުޅުންތެރިން ވަރުގަދަ ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް ވެސް ކަފޫ ބުންޏެވެ.

ބްރެޒިލްގެ ކުރީގެ ކެޕްޓަން މިހެން ބުނެފައިވާ އިރު ޓީމުގެ ކޯޗު ސްކޮލާރީ ދާދިފަހުން ބުނެފައި ވަނީ މި ފަހަރުގެ ފައިނަލުގައި ކުޅޭނެ ކަމަށް ލަފާކުރެވެނީ ބްރެޒިލް އާއި އާޖެންޓީނާ ކަމަށާއި މީ ސައުތު އެމެރިކާގެ ފަހަރެއް ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީ ފަޅިން ޖަރުމަނާ އެކު ދެން ވާދަކުރާ ޓީމް ތަކަކީ ޕޯޗުގަލް އާއި ގާނާ އަދި އެމެރިކާ އެވެ. މުބާރާތުގެ ގްރޫޕް އޭ ފަޅިން ބްރެޒިލްއާ އެކު ވާދަކުރާ ޓީމް ތަކަކީ ކްރޮއޭޝިއާ، މެކްސިކޯ އަދި ކެމަރޫނެވެ.

މުބާރާތުގައި ޖަރުމަނު ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ޕޯޗުގަލް އާއި ދެކޮޅަށް ނުކުންނައިރު، ބްރެޒިލް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ކޮރޭޝިއާ ދެކޮޅަށެވެ.